ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން ސިނަމާލެ ބްރިޖާއި ހައިވޭއިން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ، ދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ބާރުއަޅަމުންނެވެ.
ފުލުހުން މިއަދު ސޯޝަލް މީޑިއާގައި އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، ބްރިޖާއި ހައިވޭއިން ދަތުރުކުރާ އުޅަނދުތަކުން ދުވެލި މަޑުކުރުމަށާއި، ފަސޭހައިން ފެންނާނެހެން ހެޑްލައިޓާއި ޓެއިލްލައިޓް ދިއްލައިގެން ދަތުރުކުރުމަށް އިރުޝާދުދޭ ކަމަށެވެ. މީގެ އިތުރުން، ހިނގާފައި ދާ މީހުންވެސް ވައިގަދަވުމުގެ ސަބަބުން ފެނުމަށް ހުރަސްއެޅޭ ފަދަ ހެދުން ނޭޅުމަށާއި، ވާރޭ ކޯޓު ފަދަ ތަކެތި ބޭނުންކުރުމުގައި ސަމާލުވުމަށް ވަނީ އެދިފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެއެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
މި ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ފުރުސަތު އޮތުމުން، އެމްއެންޑީއެފުން ދަނީ މާފަންނު ވެސްޓް ޕާކާއި، ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގައި ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. މެޓް އޮފީހުން ބުނާ ގޮތުގައި ކުރިއަށް އޮތް ހޮނިހިރު ދުވަހާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެއެވެ. ނަމަވެސް އަންނަ އާދީއްތަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.