އިންސާނީ ވަގުފާރިއާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ރާއްޖެއަކީ ބިރުވެރިކަމެއް ނެތް، ކަރާމާތްތެރި ދިރިއުޅުމެއް އެންމެންނަށް އުޅެވޭނެ ތަނަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތްތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން އަލުން ކަށަވަރުކޮށްދީފިއެވެ.
އިންސާނީ ވަގުފާރިއާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންސާނީ ވަގުފާރި ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތައް ކަމަށެވެ. ހާއްސަކޮށް، ކުށްކުރާ ނެޓްވޯކްތަކުން ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާ އަދި އޮންލައިން ސްކޭމްތައް ބޭނުންކޮށްގެން މީހުންނަށް އޮޅުވާލައި، ނާޖާއިޒު ފައިދާ ނަގަމުންދާ ދަނޑިވަޅެއްގައި މިކަމަށް ދޭ ސަމާލުކަން އިތުރުކުރަން ޖެހޭ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ. މިއަހަރުގެ މި ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" އެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އިންސާނީ ވަގުފާރިއާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މީގެ ތެރޭގައި، މަސައްކަތްތެރިންނާ ގުޅޭ ސަރުކާރުގެ ހުރިހާ ޒިންމާތަކެއް މިދިޔަ އޭޕްރީލް މަހު ހޯމްލޭންޑް މިނިސްޓްރީގެ ދަށަށް ބަދަލުކުރުން ހިމެނެއެވެ. މިއީ މި މަސައްކަތްތައް ވިލަރެސްކުރުމާއި ބެލެހެއްޓުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، "މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން 2026-2028" މިހާރު ވަނީ އާންމުކޮށްފައެވެ. މި ޕްލޭނަކީ ކުރިއަށް އޮތް އަހަރުތަކުގައި އިންސާނީ ވަގުފާރި ހުއްޓުވުމަށް ރާއްޖެއިން ގެންގުޅޭނެ މަގުޗާޓެވެ. މި ޕްލޭންގެ މައިގަނޑު މަގްސަދަކީ ނިޒާމުގައި ހުރި ހުސްތަންތަން ފުރައި، މިފަދަ ކުށްތައް ހުއްޓުވުމަށް މަސައްކަތްކުރާ މުއައްސަސާތައް ބާރުވެރިކުރުވުމެވެ.
ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަކީ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީން ދެކެއެވެ. މިގޮތުން، މަސައްކަތްތެރިން ރާއްޖެ އައުމުގެ ކުރިންނާއި އައުމަށްފަހު އެމީހުންގެ ހައްގުތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
ހަމައެއާއެކު، މައްސަލަ ހުށަހެޅޭނެ ނިޒާމުތައް ފަސޭހަކުރުމާއި، ބަޔޯމެޓްރިކް ރެޖިސްޓްރޭޝަނާއި ޑިޖިޓަލް ނިޒާމުތައް މެދުވެރިކޮށް ހިޖުރަކުރުމުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމުގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ. އިންސާނީ ވަގުފާރި ހުއްޓުވުމަކީ ހަމައެކަނި ސަރުކާރުގެ މުއައްސަސާތަކުގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ ވަޒީފާދޭ ފަރާތްތަކާއި މުޅި މުޖުތަމައުގެ އެއްބާރުލުން ބޭނުންވާ ކަމެއް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މިނިސްޓްރީން ނިންމާލަމުން ބުނެފައިވަނީ، ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ކޮންމެ މީހެއްގެ ކަރާމާތާއި ގާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.