ރާއްޖޭގެ "ފަވަރަ" އާއި އިންޑިއާގެ "ޔޫޕީއައި" ގުޅާލައިފި: ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭނެ

ފަވަރައާއި ޔޫޕީއައި ގުޅާލުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއެމްއޭ
ފަވަރައާއި ޔޫޕީއައި ގުޅާލުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެމްއެމްއޭ

ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޤާއިމުކޮށްފައިވާ "ފަވަރަ" ޕޭމަންޓް ސިސްޓަމާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި، ރާއްޖެއިން އިންޑިއާއަށް ވަގުތުން ފައިސާ ފޮނުވޭނެ އިންތިޒާމު މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ޚިދުމަތާއެކު، ދިވެހިރާއްޖޭގެ ބޭންކު އެކައުންޓްތަކުން އިންޑިއާގެ ބޭންކު އެކައުންޓްތަކަށް ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ޖަމާކުރެވޭނެއެވެ.

އެމްއެމްއޭގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ ގަވަރުނަރު އަހުމަދު މުނައްވަރެވެ. މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބާލަސުބްރަމާނިއަން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޚިދުމަތް ފުރަތަމަ ފިޔަވަހީގައި ފޯރުކޮށްދެނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށެވެ.

މި ނިޒާމުގެ ދަށުން ފައިސާ ފޮނުވުމަށް އިތުރު އެޕްލިކޭޝަނެއް ބޭނުންކުރާކަށް ނުޖެހޭނެއެވެ. ބޭންކުތަކުގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް، ފައިސާ ލިބޭ ފަރާތުގެ ޔޫޕީއައި އައިޑީ ބޭނުންކޮށްގެން ފައިސާ ފޮނުވޭނެއެވެ. ފައިސާ ފޮނުވާއިރު، އެ ވަގުތެއްގެ އެކްސްޗޭންޖް ރޭޓާއި، ބޭންކު ފީތަކުގެ އިތުރުން ފައިސާ ލިބޭ ފަރާތުގެ ނަން ސައްހަކަން ކަށަވަރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. ރާއްޖެއިން ފައިސާ ފޮނުވާއިރު ދިވެހި ރުފިޔާ ނުވަތަ ޑޮލަރުން ފޮނުވި ނަމަވެސް، އިންޑިއާގެ އެކައުންޓަށް ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސް އިންނެވެ.

މިއީ ރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ބައިނަލްއަޤްވާމީ ނިޒާމަކާ ގުޅާލެވުނު ފުރަތަމަ ފަހަރެވެ. އިންޑިއާގެ ޔޫޕީއައި ނިޒާމާ މިހާތަނަށް ބައިނަލްއަޤްވާމީގޮތުން ގުޅާލާފައިވަނީ މަދު ޤައުމުތަކެކެވެ. އޭގެ ތެރޭގައި ސިންގަޕޫރާއި ނޭޕާލް ހިމެނެއެވެ. މި ޚިދުމަތަކީ 2025 ވަނަ އަހަރުގެ ޖުލައި މަހު އެމްއެމްއޭ އާއި އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މިހާރު ފަށާފައިވަނީ އަމިއްލަ ފަރުދުންގެ މެދުގައި ފައިސާ ފޮނުވޭ ފުރަތަމަ ފިޔަވަހީގެ ޚިދުމަތެވެ. ދެވަނަ ފިޔަވަހީގައި ކިއުއާރް ކޯޑް ބޭނުންކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. މީގެއިތުރުން، އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ނިޒާމު ޓެސްޓުކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ