ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު 11:30 އާ ހަމައަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، އައްސޭރިފަށުގެ ރަށްތަކުން އެކަމަށް ތައްޔާރުވެ ތިބުމަށް ވެސް ވަނީ އަންގާފައެވެ.