މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ

ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ހަރަކާތްތެރިވަނީ. ފޮޓޯ: އެމްއެންޑީއެފް
ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ހަރަކާތްތެރިވަނީ. ފޮޓޯ: އެމްއެންޑީއެފް

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވާން ފަށައިފިއެވެ. މިއަދު ހެނދުނުން ފެށިގެން މާލެއަށް މެދުނުކެނޑި ވާރޭ ވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެ، އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

މާލޭގެ މަގުތަކުން ފެން ހިންދުމަށްޓަކައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މާލޭގެ އެކި ސަރަހައްދުތަކުގައި ދަނީ ކުރަމުންނެވެ. މިގޮތުން ފެންބޮޑުވެފައިވާ މައި މަގުތަކަށް އިސްކަންދީގެން މަސައްކަތް ކުރިއަށްދާކަން އެ އިދާރާއިން ފާހަގަކުރެއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 7:30 އިން 11:30 އަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާތީ، މެޓް އޮފީހުން ދަނީ ފުލުފުލުގައި ހުދު ސަމާލާއި ރީނދޫ ސަމާލު ނެރެމުންނެވެ. މި ވިއްސާރައިގައި ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ބެލެވެއެވެ.

މާލޭގެ އިތުރުން އަތޮޅުތެރޭގެ ބައެއް ރަށްރަށަށްވެސް މި ވިއްސާރައިގެ އަސަރު ކުރަމުންދާއިރު، މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިރުޝާދު ދެމުންނެވެ. ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށާއި، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށްވެސް އިދާރާތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ