ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

ވިއްސާރަ ދުވަހެއްގައި އައްޑޫ ލިންކު ރޯޑުން ބަޔަކު ދަތުރު ކުރަނީ. ފޮޓޯ: އައްޑު ލައިވް
ވިއްސާރަ ދުވަހެއްގައި އައްޑޫ ލިންކު ރޯޑުން ބަޔަކު ދަތުރު ކުރަނީ. ފޮޓޯ: އައްޑު ލައިވް

ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުމާއެކު ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ. މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ހެނދުނު 09:30 އިން ފެށިގެން ހަވީރު 15:30 އާ ހަމައަށް އެ ސަރަހައްދަށް މޫސުން ގޯސްވާނެއެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު، ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި، މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ތެރެއިން ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓަރަފެއްގެ ސަބަބުން، ރާއްޖޭގެ ހުޅަނގު ބިތުގައި ގިނަ އަދަދެއްގެ ބޯވިއްސާރަ ވިލާ ދަނީ އުފެދެމުންނެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން، ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ