ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ރީނދޫ ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ހިމެނޭ ސަރަހައްދުތަކަށެވެ.
Alert yellow for strong winds pic.twitter.com/JUJ4Qg0lJ2
— Maldives Meteorology (@MetMaldives) July 31, 2026
މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިއަދު ހެނދުނު 11:30 އިން ފެށިގެން މެންދުރުފަހު 15:30 އާ ހަމައަށް އެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ބެލެވެއެވެ. މި ވަގުތުތަކުގައި އާންމު ގޮތެއްގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.
ވައި ގަދަވުމުގެ ސަބަބުން ކަނޑުތައް ވެސް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުންނާއި، މުދާ އުފުލާ އުޅަނދުފަހަރުން ސަލާމަތީ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، އުޅަނދުގައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތައް ހަމައަށް ހުރިތޯ ޔަގީން ކުރުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް ނަސޭހަތްތެރިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ދަނީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރެވޭ ގޮތް މެދުނުކެނޑި މޮނިޓަރ ކުރަމުންނެވެ. އެހެންކަމުން، ކުއްލި ގޮތަކަށް މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވެ ތިބުމަށާއި، ރަސްމީ އިދާރާތަކުން ނެރޭ އިރުޝާދުތަކަށް ބޯލެނބުމަށް ހުރިހާ ފަރާތްތަކަކަށް ވަނީ އަންގާފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫޫސުމުގެ ވިއްސާރާގައި، މިއަދު ހެނދުނު މާލޭގައި ފެންބޮޑުވެފައި ވާއިރު، މާފުށީ ބޭރުގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަނޑައިގެން ގޮސް އެރަށު ބަނދަރުގެ ތޮށިގަނޑަށް އުރި ވަނީ ކުދިކުދި ވެފައެވެ. އަދި މިނޫންވެސް ނުރައްކާތެރި ހާދިސާތައް ހިނގަމުންދާތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.