ރާއްޖެއާއި ތުރުކީވިލާތުގެ ދެމެދުގައި ވީ ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

ރައީސް މުއިއްޒު 2023 ވަނަ އަހަރު ތުރުކީވިލާތަށް ކުރެއްވި ޒިޔާރަތުގައި އެ ގައުމުގެ ރައީސް އުރުދުޣާންއާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު 2023 ވަނަ އަހަރު ތުރުކީވިލާތަށް ކުރެއްވި ޒިޔާރަތުގައި އެ ގައުމުގެ ރައީސް އުރުދުޣާންއާ ބައްދަލުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވިޔަފާރީގެ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި އެކުލަވައިލި "މޯލްޑިވްސް-ތުރުކީ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް" (އެމް.ޓީ.ޕީ.ޓީ.އޭ) އަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތުރުކީވިލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެކެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ. ތުރުކީގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޮމާރު ބޮލަޓް އެވެ.

އިޤްތިޞާދީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން 75 ބާވަތަކުން އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ނުވަތަ މައާފުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ބޭރުކުރާ ކަނޑުމަހުގެ ބާވަތްތައް ހިމެނެއެވެ. މީގެ ސަބަބުން ތުރުކީގެ 85 މިލިއަން މީހުންގެ ބޮޑު މާކެޓަށް ދިވެހި މަސްވެރިކަމުގެ އުފެއްދުންތައް ފަސޭހަކަމާއެކު އެކްސްޕޯޓް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

މީގެ އިތުރުން، ތުރުކީން ރާއްޖެއަށް އެތެރެކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުން ލުއިތަކެއް ލިބި، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށް މަގުފަހިވާނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ތުރުކީގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިކަން އިތުރުވެ، ދެ ޤައުމުގެ ދެމެދުގައި އޮންނަ އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެއެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، ބޭރުގެ އައު މާކެޓުތަކަށް ދިވެހި އުފެއްދުންތައް ތައާރަފުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އިޤްތިޞާދީ ވުޒާރާއިން ސިފަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ