ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި، ވައިގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ. މި ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސަރަހައްދަކީ އައްޑޫ ސިޓީ ފޭދޫއެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، ރޭގެ ވަގުތެއްގައި ފޭދޫގެ ގެއެއްގެ ފުރާޅުން ބައެއް އެއްލާލާފައިވާއިރު، އެހެން ގެއެއްގެ ބަދިގެ ފުރާޅު މައްޗަށް ބަނބުކެޔޮ ގަހެއް ވެއްޓި ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މި ހާދިސާތަކާ ގުޅިގެން ހާލުގައި ޖެހުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފާއި ކައުންސިލް ގުޅިގެން ދަނީ ކުރަމުންނެވެ. އެގޮތުން ގެއްލުންވި ފުރާޅުތައް މަރާމާތު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ވިއްސާރައިގެ އިތުރުން، ބައެއް ރަށްރަށަށް އުދައެރުމުގެ ސަބަބުން ވެސް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ދ. ރިނބިދޫގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް އުދައެރުމާ ގުޅިގެން، ގެތަކަށް ފެން ވަނުން ހުއްޓުވުމަށްޓަކައި ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ވަނީ ވެލިބަސްތާ ޖަހާފައެވެ. މީގެ އިތުރުން ލ. އިސްދޫގެ ބަނދަރު ސަރަހައްދަށް ވެސް އުދައިގެ އަސަރުކޮށްފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ފާހަގަކުރެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވެއެވެ. ވައިގެ ބާރުމިން ގަޑިއަކު 13 މޭލާއި 30 މޭލާ ދެމެދުގައި ހުންނާނެ ކަމަށް ބެލެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ކަނޑުތައް ގަދަވާނެތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.