ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކުރަނީ

b7369227-a9a0-4ffd-ac50-c22f15d08277

ރާއްޖޭގެ ޑިޖިޓަލް އިންގިލާބުގެ ދަށުން، ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އައު ކާޑާއެކު ރައްޔިތުންނަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

މި ސްމާޓް އައިޑީ ކާޑަކީ ޗިޕެއް ހިމެނޭ ގޮތަށް، އިނގިލީގެ ނިޝާނާއެކު ފަރުމާކުރެވޭ ޒަމާނީ ކާޑެކެވެ. މި ކާޑު ބޭނުންކޮށްގެން މާލީ މުއާމަލާތްތައް ކުރުމާއި، ސަރުކާރުގެ އެކި ހިދުމަތްތައް ހޯދުމުގެ އިތުރުން އަމިއްލަ ރެކޯޑުތައް ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއީ ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު "މޯލްޑިވްސް 2.0" ގެ ދަށުން ކުރިއަށް ގެންދާ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، 2028 ވަނަ އަހަރުގެ ޖުލައި މަހުގެ 26 އާ ހަމައަށް "މޯލްޑިވްސް 2.0" މަޝްރޫއު ފުރިހަމައަށް ތަންފީޒު ކުރެވޭނެއެވެ. މި މަޝްރޫއުގެ ސަބަބުން ސިއްހީ ދާއިރާއަށް ވެސް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށާއި، އެކަމުގެ ތަފްސީލުތައް ސިއްހީ ވުޒާރާއިން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން ހިދުމަތްތައް ލިބިގަތުމުގައި ހުރި ދަތިތައް ހައްލުވެ، ރައްޔިތުންނަށް އަވަސް ހިދުމަތެއް ކަށަވަރުވާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

ޑިޖިޓަލް އައިޑީ ކާޑު ހިމެނޭހެން ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން 2022 ވަނަ އަހަރު 10 މިލިއަން ޑޮލަރުގެ އެހީއެއް ދީފައިވެއެވެ. ރައީސް މުއިއްޒުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނައިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ހިއްސާކުރާ ދާއިރާއަކަށް ޑިޖިޓަލް އިގްތިސާދު ހެދުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ޓެކްނޮލޮޖީގެ ވަސީލަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ