މަދިރިން ރައްކާތެރިވުމަށް "މަދިރިން ރައްކާ" ގެ ނަމުގައި އެޗްޑީސީން ހާއްސަ ހަރަކާތެއް ފަށައިފި

އެޗްޑީސީއިން ކުރިއަށް ގެންދިޔަ "މަދިރިން ރައްކާ" ހަރަކާތުގެ ތެރެއިން. ފޮޓޯ: އެޗްޑީސީ
އެޗްޑީސީއިން ކުރިއަށް ގެންދިޔަ "މަދިރިން ރައްކާ" ހަރަކާތުގެ ތެރެއިން. ފޮޓޯ: އެޗްޑީސީ

މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ހުޅުމާލޭގެ ތިމާވެށި ސާފުތާހިރުކޮށް ބެހެއްޓުމުގެ މަގުސަދުގައި "މަދިރިން ރައްކާ" ގެ ނަމުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މިއަދު ހެނދުނު ފެށި މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ 155 ވަނަ ފްލެޓާއި 163 ވަނަ ފްލެޓާ ދެމެދުގައިވާ ސަރަހައްދު ވަނީ ސާފުކޮށް ފޮގުކޮށްފައެވެ. މި މަސައްކަތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި އެ ކުންފުނީގެ އިސްވެރިންގެ އިތުރުން، ގާތްގަނޑަކަށް 150 އެއްހާ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން، މުޖުތަމައުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި މޯޕާ ފަދަ ޖަމާއަތްތަކުން ވެސް މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.

އެޗްޑީސީން ބުނި ގޮތުގައި މިއީ ހަމައެކަނި އެއް ދުވަހުގެ ހަރަކާތެއް ނޫނެވެ. މި ޕްރޮގްރާމުގެ ދަށުން ކޮންމެ ހޮނިހިރު ދުވަހަކު ވެސް ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ހަރަކާތުގެ މައިގަނޑު އެއް ބޭނުމަކީ ތިމާވެށި ރައްކާތެރިކުރުމުގެ ޒިންމާ އާންމުންގެ މެދުގައި އަށަގެންނެވުމާއި، ބަލިތަކުން ރައްކާތެރި މުޖުތަމައެއް ބިނާކުރުމެވެ.

މަދިރި ކޮންޓްރޯލް ކުރުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ވެސް ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގައި ގަވާއިދުން ތަފާތު ހަރަކާތްތައް ހިންގާފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. މީގެ އިތުރުން، މިއަދުގެ ހަރަކާތުގެ ތެރެއިން ހުޅުމާލޭގެ ކަންނެލި ޖެޓީ ސަރަހައްދުގެ ފަޅުތެރެއަށް ޖަމާވެފައިވާ ކުނި ނެގުމުގެ މަސައްކަތް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ