އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އެ ޕާޓީގެ 13 މެންބަރެއްގެ ސޮޔާއެކުގައެވެ.
އެމްޑީޕީން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ވަޒީރުންނާ ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި މިނިސްޓަރު ސަޢީދު އިހުމާލުވެފައިވާ ކަމަށެވެ. އަދި މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަތުމާއި، ވަޒީރުން ކުރުން މަނާ ކަންކަން ކުރައްވާފައިވާ ކަމުގެ ތުހުމަތުވެސް އެ ޕާޓީން ވަނީ ކޮށްފައެވެ.
މި މައްސަލައިގައި މައިގަނޑު ހަ ކަމެއް ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު ގޯސްވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 21 ރުފިޔާއަށްވުރެ މައްޗަށް ދިޔައިރުވެސް އެކަން ހައްލުކުރަން އެދެވޭ މަސައްކަތެއް ނުކުރެއްވުން ހިމެނެއެވެ. އެމްޑީޕީން ބުނި ގޮތުގައި، މި މައްސަލައަކީ "ޠަބީޢީ" ކަމެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ މައްސަލައިގެ ސީރިއަސްކަން ކަނޑުވާލައްވާފައެވެ.
މީގެ އިތުރުން، ދައުލަތުގެ މާލީ ހާލަތު ދަތި ދަނޑިވަޅެއްގައި ބޭރުގެ އިންވެސްޓަރު ފޯރަމްތަކަށާއި އެކި ރަސްމިއްޔާތުތަކަށް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ޚިދުމަތް ނުފެށި އޮތް ޑިވެލޮޕްމެންޓް ބޭންކަށް މިދިޔަ މާރިޗު މަހުގެ ނިޔަލަށް 6.56 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން އެމްޑީޕީން ބަޔާންކުރެއެވެ.
ސަރުކާރުން އިޢުލާނުކުރި ބޮޑެތި މަޝްރޫޢުތައް ހުއްޓިފައިވާކަން ފާހަގަކުރަމުން އެމްޑީޕީން ބުނީ، ބަންކަރިންގެ ޚިދުމަތުން ލިބޭނެ ކަމަށް އަންދާޒާކުރި 400 މިލިއަން ރުފިޔާގެ އާމްދަނީ ނުލިބޭ ކަމަށެވެ. އަދި ފައިނޭންޝަލް ސެންޓަރާއި އިހަވަންދިއްޕޮޅުގެ މަޝްރޫޢު ފަދަ ކަންކަމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ބޭރުގެ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދީފައިވާ ކަމަށްވެސް އެ މައްސަލައިގައި ތުހުމަތުކޮށްފައިވެއެވެ.