އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފައިވާ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފެއިލްކޮށްލާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ،
ޝުޖާއު ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީޕީން މިފަދަ ފިޔަވަޅެއް އެޅީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަވަށްޓެރި ގައުމުތަކާއެކު ގާއިމުކުރަމުންދާ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކުގެ ސަބަބުން ލިބޭ ކުރިއެރުންތަށް ހަަޖަމުނުވެގެންނެވެ.
އެމްޑީޕީން ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ވަޒީރު ސައީދު ގާނޫނުއަސާސީގެ 132 ވަނަ މާއްދާއާ ހިލާފުވެވަޑައިގެންފައިވާ ކަމަށާއި، މަޖިލީހަށް ޖަވާބުދާރީވުމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށެވެ. މީގެ އިތުރުން، ވަޒީރުން ކުރުން މަނާ އަމަލުތަކެއް ހިންގާފައިވާ ކަމަށްވެސް އެ ޕާޓީން ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، މި ތުހުމަތުތަކާ ގުޅޭ އިތުރު ތަފްސީލެއް ނުވަތަ ހެއްކެއް އެމްޑީޕީން ހާމަކޮށްފައި ނުވާކަން ފާހަގަކުރެވެއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، މިއަދަކީ ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ތާރީހީ ދުވަސް ކަމަށެވެ. އަދި މި އެއްބަސްވުން ތަންފީޒުކުރުމުގައި ވަޒީރު ސައީދު މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާތީ، އެކަމަށް ހުރަސްއެޅުމަކީ އިދިކޮޅު ފަރާތްތަކުގެ ބޭނުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމުގެ މަރުހަލާގައިވެސް އެމްޑީޕީން ދަތިތަކެއް ކުރިމަތިކުރުވިކަން ފާހަގަކުރައްވައި، ޝުޖާއު ވިދާޅުވީ މަޖިލީހުގެ ތެރެއިން މި މައްސަލަ ބޭރުކޮށްލާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.