ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް

ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ކަނޑުވި މީހުން ގާފަރަށް ގެންދަނީ. ފޮޓޯ: ގާފަރު މީޑިއާ
ކޮޅުވެއްޓި ބަންޑުން ޖަހާލައިގެން ކަނޑުވި މީހުން ގާފަރަށް ގެންދަނީ. ފޮޓޯ: ގާފަރު މީޑިއާ

ކ. ގާފަރު ކައިރިއަށް އިއްޔެ ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމަށްޓަކައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް އެ ދެ މީހުން ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. މި ހާދިސާގައި ގެއްލިފައިވަނީ ދެ ބިދޭސީންނެވެ.

އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި، ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ. މި އޮޕަރޭޝަނުގައި ކޯސްޓްގާޑް ޝިޕް އިމާދުއްދީންގެ އިތުރުން ފާސްޓް އިންޓަސެޕްޓާ ކްރާފްޓްތައް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ސިފައިން ބުނި ގޮތުގައި، ކަނޑުގެ ސަރަހައްދު ބެލުމުގެ އިތުރުން ވައިގެ މަގުން ވެސް އެ ސަރަހައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިބި ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ބިދޭސީންނާއި ދެ ދިވެހިންނެވެ. އުޅަނދު ބަންޑުންޖަހާލުމާ އެކު އަށް މީހަކު ސަލާމަތް ކުރެވުނު ނަމަވެސް، ދެ ބިދޭސީއަކު ވަނީ ކަނޑަށް ގެއްލިފައެވެ. ސަލާމަތްވި މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ވަނީ ކޮށްފައެވެ.

މި ހާދިސާ ހިނގި އިރު ރާއްޖޭގެ މޫސުން އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން އެ ވަގުތު އޮތީ ކަނޑުގަދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. މިއަދު ވެސް ރާއްޖޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކުދި އުޅަނދުފަހަރުގައި ދަތުރުކުރާ ފަރާތްތަކުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވަނީ އަންގާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ