ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގެ ރައީސްކަމުގެ މަގާމަށް، ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ކުރީގެ ރައީސް ކާޒީ ސަލާހުއްދީން ޖެހިޖެހިގެން ފަސްވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިއެވެ. މި އިންތިޚާބު ބާއްވާފައިވަނީ ބޫޓާނުގެ ވެރިރަށް ތިމްޕޫގައި މިހާރު ކުރިއަށްދާ ސާފްގެ ކޮންގްރެސްގެ ތެރެއިންނެވެ.
ސަލާހުއްދީން މި މަގާމަށް އިންތިޚާބުވެވަޑައިގަތީ، އޭނާއާ ވާދަކުރައްވާނެ އިތުރު ކެންޑިޑޭޓަކު ކުރިމަތިލައްވާފައި ނުވާތީ އިންތިޚާބަކާ ނުލައެވެ. 2009 ވަނަ އަހަރުން ފެށިގެން ސާފްގެ ރައީސްކަން ކުރައްވަމުން ގެންދަވާ ސަލާހުއްދީންގެ އައު ދައުރާ ގުޅިގެން އެ އިދާރާއިން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. ސާފުން ބުނި ގޮތުގައި މި ކާމިޔާބީއަކީ ދެކުނު އޭޝިއާގެ ފުޓްބޯޅަ ކުރިއެރުވުމަށް އޭނާ ގެންގުޅުއްވާ ތަސައްވުރަށް ލިބުނު އިތުބާރެކެވެ.
މި ފަހަރުގެ ކޮންގްރެސްގައި ސާފްގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް ރާއްޖޭގެ ފަރާތުން އިންތިޚާބުވެވަޑައިގަތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ނައިބު ރައީސް އަދި މާޒިޔާ ސްޕޯޓްސްގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ. ޝާފިއުއަކީ ރާއްޖޭގެ ފުޓްބޯޅަ ހިންގުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ސާފްގެ އެހެނިހެން މަގާމުތަކަށް ބަލާއިރު، ނައިބު ރައީސްކަމަށް އިންތިޚާބުވީ ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖަސްވާރު އުމަރެވެ. އަދި ހިންގާ ކޮމިޓީގެ މެންބަރުކަމަށް ބަންގްލަދޭޝްގެ ސާބިރު އަޙްމަދު އާރިފް އިންތިޚާބުވިއިރު، އަންހެން މެންބަރުގެ މަގާމަށް ހޮވުނީ ބޫޓާނުގެ ޕެމާ ޒަންގްމޯއެވެ. މި ހުރިހާ މަގާމުތަކަކަށް ވެސް ބޭފުޅުން އިންތިޚާބުވީ އެއްވެސް ވާދަވެރިކަމެއް ނެތި، ކޮންމެ މަގާމަކަށް ވެސް އެންމެ ބޭފުޅަކު ކުރިމަތިލައްވާފައިވާތީއެވެ.
މި އައު ދައުރުގައި ދެކުނު އޭޝިއާގެ ފުޓްބޯޅަ އާއިލާއަށް އިތުރު ކުރިއެރުމާއި، އެއްބައިވަންތަކަމާއި ކާމިޔާބީ ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް ސާފްގެ ރަސްމީ މެސެޖުގައި ބަޔާންކޮށްފައިވެއެވެ. ސަލާހުއްދީންގެ މި ދައުރުގައި ސަރަހައްދީ މުބާރާތްތައް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ބެލެވެއެވެ.