އެޗްޕީއޭގެ ހުރިހާ ހިދުމަތްތަކެއް ހުޅުމާލެއަށް ބަދަލުކޮށްފި

ހުޅުމާލޭގައި ހުންނަ މެންހަޓަން ގްރޭންޑް ހޮޓެލް
ހުޅުމާލޭގައި ހުންނަ މެންހަޓަން ގްރޭންޑް ހޮޓެލް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެމުން އައި ހުރިހާ ހިދުމަތްތަކެއް ހުޅުމާލެއަށް ބަދަލުކޮށްފިއެވެ. މީގެ ކުރިން މާލޭގެ ރޯޝަނީ ބިލްޑިންގުގައި ހިންގަމުން އައި އެޗްޕީއޭގެ މަސައްކަތްތައް ދެން ކުރިއަށްދާނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ މެންހަޓަން ގްރޭންޑް ހޮޓަލުގެ ދެވަނަ ފަންގިފިލާގައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، މާދަމާއިން ފެށިގެން އެ އިދާރާގެ ހުރިހާ ހިދުމަތެއް ލިބޭނީ ހުޅުމާލޭގައި ގާއިމްކޮށްފައިވާ އާ ކައުންޓަރުތައް މެދުވެރިކޮށެވެ. މި ބަދަލާއެކު، އެޗްޕީއޭގެ އިދާރީ ހިންގުމާއި އާންމުންނަށް ދޭ ހިދުމަތްތައް ވެސް އެ އިމާރާތަށް ވަނީ ބަދަލުވެފައެވެ. މި އޮފީސް ހުންނަނީ ހުޅުމާލޭގައި ހުންނަ ވެމްކޯ އޮފީސް ކައިރީގައެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ތަރައްގީކުރި ސިޓީ ހޮޓާ "މެންހަޓަން ގްރޭންޑް ހޮޓެލް" އަކީ ޔޫއޭއީގެ ކުންފުންޏެއްގެ ހިއްސާއާއެކު އޮޕަރޭޓްކުރާ ފަސް ތަރީގެ ހޮޓަލެކެވެ. މި ހޮޓަލުގައި 158 ކޮޓަރި ހުންނައިރު، އިމާރާތުގެ ބައެއް ފަންގިފިލާތައް ވަނީ ސަރުކާރުގެ އެކި އޮފީސްތަކާއި މުހިންމު ވަސީލަތްތަކަށް ހާއްސަކޮށްފައެވެ.

އެޗްޕީއޭގެ އިތުރުން، މި އިމާރާތުގައި ސަރުކާރުގެ ބައެއް މުހިންމު މަޝްރޫއުތައް ހިންގުމަށް ވެސް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މީޑިއާ ވިލެޖާއި، އީ-ސްޕޯޓްސް ޔޫތު ސެންޓަރާއި، ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖެއް ހިންގުން ހިމެނެއެވެ. މިއީ ސަރުކާރުގެ އެކި ދާއިރާތަކުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ