ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅުނު ސިފައިން ތަމްރީނުކުރުމަށް ހިންގި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ބާއްވައިފިއެވެ.
އެމްއެންޑީއެފް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ.
މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ދަސްވެނިވި ލަޝްކަރު ބަލައި ފާސްކޮށްދެއްވައި، ކޯހުގެ އެކި މާއްދާތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ.
މި އަހަރުގެ މާރިޗު މަހުގެ 7 ވަނަ ދުވަހު ފެށި މި ކޯހުގައި ޖުމްލަ 117 ދަރިވަރުން ބައިވެރިވެ ދަސްވެނިވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 95 ފިރިހެން ސިފައިންނާއި 22 އަންހެން ސިފައިންނެވެ.
ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕްރައިވެޓް މަހުދީ އަޙްމަދެވެ. އޭނާ ވަނީ ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ވެސް ހާސިލުކޮށްފައެވެ. މީގެ އިތުރުން، ހަށިހެޔޮކަމުގެ ރަން ވަނަ ޕްރައިވެޓް ރިފާ މުޙައްމަދު ހޯދިއިރު، ބަޑިޖެހުމުގެ ބައިން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ޕްރައިވެޓް މުޙައްމަދު ޝައުން ނާފިޢުއެވެ. މަޒުމޫނު ލިޔުމުގެ މުބާރާތުން އެއްވަނަ ހާސިލުކުރީ ޕްރައިވެޓް އަސްލަން އިބްރާހީމް ރަޝީދެވެ.
މުޅި ކޯހުން އެންމެ މޮޅު ޕްލެޓޫނަކަށް ހޮވުނީ ޝަހީދު ޢަލީރަސްގެފާނު ކޮމްޕެނީގެ ބްރާވޯ ޕްލެޓޫނެވެ. މި ރަސްމިއްޔާތުގައި ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.
އަސާސީ ތަމްރީނު ކޯހަކީ ސިފައިންގެ ޚިދުމަތާ އަލަށް ގުޅޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ޢިލްމާއި ހުނަރު އުނގަންނައިދީ، އަޚްލާޤީ ގޮތުންނާއި ހަށިހެޔޮކަމުގެ ގޮތުން ތަމްރީނުކުރުމަށް ހިންގާ މުހިންމު ކޯހެކެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ސިފައިންގެ އިސް އޮފިސަރުންގެ އިތުރުން ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.