ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ވޯލްޑް ކަޕުގެ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ގެންގުޅުނު ރޭވުންތައް ހުއްޓާލުމަށް ނިންމި ނިންމުމަށް ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ ގިނަ ބަޔަކު މަރުހަބާ ކިޔައިފިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިކަން އިއުލާނު ކުރެއްވީ، މި ހުށަހެޅުމާ ގުޅިގެން ފުޓްބޯޅައިގެ އެކި ޖަމިއްޔާތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
ޔޫރަޕުގެ ފުޓްބޯޅަ އިދާރާ، ޔޫއެފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފީފާގެ މި ނިންމުމަށް މަރުހަބާ ކިޔާ ކަމަށާއި، މިއީ މުޅި ފުޓްބޯޅައަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. ނަމަވެސް، ފީފާގެ މިހާރުގެ ލީޑަޝިޕަށް އޮތް އިތުބާރު ހަމައެކަނި ޔޫއެފާއިން ނޫން ކަމަށާއި، ފުޓްބޯޅަ އާއިލާގެ އެހެން ގިނަ މެންބަރުންގެ ފަރާތުންވެސް ގެއްލިފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ. އަދި ފީފާގެ އިތުބާރު އަލުން އިއާދަކުރުމުގެ މަސައްކަތް އަދި ކިރިޔާ ފެށުނީ ކަމަށްވެސް ޔޫއެފާއިން ބުންޏެވެ.
ނެދަލެންޑްސްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފީފާގެ ރައީސް އިންފަންޓީނޯގެ ލީޑަޝިޕާ މެދު އޮތް އިތުބާރު އަސާސީ ގޮތުން ގެއްލިފައިވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ، މިއީ ފީފާގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް މުރާޖާކުރަންވީ ވަގުތު ކަމަށެވެ. ސްވިޑަން އާއި ބެލްޖިއަމްގެ ފުޓްބޯޅަ އިދާރާތަކުންވެސް ވަނީ ފީފާގެ ހިންގުމުގައި ދެފުށް ފެންނަ ގޮތްތަކެއް ހުރުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
އޭޝިއާގެ ފުޓްބޯޅަ ކޮންފެޑަރޭޝަން (އޭއެފްސީ) ގެ ރައީސް ޝައިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ ވިދާޅުވީ، ފުޓްބޯޅައިގެ މުސްތަގުބަލު ބައްޓަން ކުރަންވާނީ އެކަށީގެންވާ މަޝްވަރާތަކާއި، ކަނޑައެޅިފައިވާ އުސޫލުތަކަށް އިހުތިރާމުކުރާ ހާލަތެއްގައި ކަމަށެވެ. އޮސްޓްރޭލިއާގެ ފުޓްބޯޅަ އިދާރާއިން ފާހަގަކުރި ގޮތުގައި، އައު އީޖާދުތަކާއި އިންވެސްޓުމަންޓުތަކަކީ މުހިންމު އެއްޗެއް ނަމަވެސް، އެކަންކަން ކުރަންވާނީ ނަޒާހަތްތެރިކަމާއި ދެފުށް ފެންނަ އުސޫލެއްގެ ތެރެއިންނެވެ.
މި ހުރިހާ އިދާރާތަކަކުންވެސް އެއްބަސްވާ ގޮތުގައި، ފީފާގެ މި ނިންމުމަކީ ރަނގަޅު ފެށުމެކެވެ. ނަމަވެސް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ބޭނުންވާކަން މި ހުރިހާ ފަރާތްތަކުންވެސް ވަނީ ހާމަކޮށްފައެވެ.