މަސްވެރިކަމާއި ގުޅޭ

breaking

މަސްވެރިން އެމްވީގެ އިނގިރޭސި ނޫސް ތަޢާރަފްކޮށްފި

މަސްވެރިން އެމްވީގެ އިނގިރޭސި ނޫސް ތަޢާރަފްކޮށްފިއެވެ.

ފިޝަމެން.އެމްވީ (fishermen.mv )ނަމުގައި ތަޢާރަފްކުރި މި ނޫހަކީ ރާއްޖޭގެ މަސްވެރިކަން ބޭރު ދުނިޔެއަށް އިޝްތިހާރު ކުރުމުގެ މަޤްޞަދުގައި ތަޢާރަފްކުރި ނޫހެކެވެ.

މި ނޫހުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތުގައި ދިވެހިން ކުރަމުން އަންނަ މަސްވެރިކަމުގެ މައުލޫމާތު ރާއްޖެއިން ބޭރުގެ ފަރާތްތަކާ ހިއްސާކުރުމެވެ. މީގެއިތުރުން ދިވެހިރާއްޖޭގައި ކުރާ މަސްވެރިކަމަކީ ތިމާވެއްޓާއި ރައްޓެހި، ސާފު މަސްވެރިކަމެއްކަން ބޭރުގެ ފަރާތަތަކަށް ދައްކުވައިދިނުމަށް މަސައްކަތް ކުރުމަކީ މިނޫހުގެ ވަރަށް ބޮޑު އަމާޒެކެވެ.

މި ނޫހަކީ ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ޚާއްޞަކޮށްގެން ފަރުމާކޮށްފައިވާ ނޫހެއްކަމަށްވާތީ، ރާއްޖޭގެ މަސްވެރިކަމުގައި ހިނގާ ނުރަނގަޅު ހަބަރުތަކުގެ ވާހަކަ މި ނޫހުގައި ނުގެންނާނެއެވެ. އެހެންނަމަވެސް ރާއްޖޭގެ މަސްވެރިކަމާބެހޭ ތާޒާ ޚަބަރުތަކާއި ރިޕޯޓުތައް ދުވަހުން ދުވަހަށް ގެނެސްދޭގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚާއި ސަޤާފަތާއި ޒަމާނީ މަސްވެރިކަމުގެ މަޢުލޫމާތުވެސް މި ސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. މީގެއިތުރުން ރާއްޖޭގެ މަސްދޯނި ފަހަރުގެ މަޢުލޫމާތާއި، ރާއްޖޭގައި އުޅޭ މަސްމަހާމެހީގެ މަޢުލޫމާތާއި ރާއްޖޭގައި ކުރާ މަސްވެރިކަމުގެ މަޢުލޫމާތު ހިމެނޭނެއެވެ.

"ރާއްޖޭގެ މަސްވެރިކަން ޕްރަމޯޓް ކުރުން އަސްލު ބޭނުމަކީ. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ މަސްވެރިކަމާބެހޭ އެންމެ ފުރިހަމަ މަޢުލޫމާތު މި ނޫސް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ފޯރުކޮށްދިނުން. އެހެންނަމަވެސް މަސްވެރިކަމުގެ ދާއިރާގައި ހުރި ނުރަނގަޅު ކަންތަކުގެ ވާހަކަ އަޅުގަނޑުމެން މި ސައިޓްގަ ނުގެންނާނަން. މިސާލަކަށް ކަންނެލި ދޯންޏަކުން ޑްރަގްސް އަތުލި ވާހަކައާއި މަސްވެރިންނަށް ފައިސާ ނުދޭ ވާހަކަ ފަދަ ހަބަރުތައް މި ނޫހުން ގެނެސްދީފިނަމަ ބޭރުގެ ފަރާތްތަކުން ރާއްޖޭގެ މަސްވެރިކަމާމެދު ދެކޭގޮތް މުޅިން ބަދަލުވެގެންދާނެ. ރާއްޖޭގެ މަސްވެރިކަމާބެހޭ މަޢުލޫމާތު އެންމެ ތާޒާކޮށް ބޭރުގެ ފަރާތްތަކަށް ލިބޭނެ ޕްލެޓްފޯމަކަށް މި ނޫސް ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." ފިޝަމެން އެމްވީގެ އެޑިޓަރު ބުންޏެވެ.

އިނގިރޭސި ވެބްސައިޓް މެދުވެރިކޮށް ރާއްޖޭގައި ކުރާ މަސްވެރިކަމުގެ މައުލޫމާތު ފޮޓޯއާއި ވީޑިއޯގެ ޒަރީއާއިން ބޭރުގެ ފަރާތްތަކަށް ދައްކުވައި ދޭނެއެވެ. އަދި ކަނޑަށް ނުކުމެ މަސްބާނާ މަސްވެރިންނާއި، ގޭދޮށު ކާރުޚާނާތަކުގައި މަހުގެ އުފެއްދުންތައް އުފައްދާ ދިވެހި ކަނބަލުންގެ ވާހަކަ ބޭރު ދުނިޔެއަށް ކިޔައިދޭނެއެވެ.

މި ނޫހުގެ ތަޞައްވަރަކީ "އެކަތިން އެކަތިން" ދިވެހި މަސްވެރިން ބާނާ މަސް، އިސްތިހާރުކޮށް ބޭރު ދުނިޔޭގެ ބާޒާރުގައި ދިވެހި މަސްވެރިންގެ އަޑު މިހާރަށްވުރެ ގަދަކޮށް، ދިވެހިން ބާނާ މަހަށް ރަނގަޅު އަގު ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ.

 

މައިގަނޑު ގޮތެއްގައި ފިޝަމެން އެމްވީން ކުރިއަށްގެންދާނީ މަސްވެރިން އެމްވީ އަސްލަކަށް ބަލައިގެންނެވެ. މަސްވެރިން.އެމްވީ މެދުވެރިކޮށް ފިޝަމެން.އެމްވީ މިހާރު ފެންނާނެއެވެ. އަދި ފިޝަމެން.އެމްވީ މެދުވެރިކޮށް މަސްވެރިން.އެމްވީ ވެސް ފެންނާނެއެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.