50 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބަލަން ކޯޓުން އިއުލާނުކޮށްފި

ގެމަނަފުށި މެޖިސްޓްރޭޓް ކޯޓު
ގެމަނަފުށި މެޖިސްޓްރޭޓް ކޯޓު

ގއ. ދިޔަދޫން މީގެ 50 އަހަރު ކުރިން ގެއްލުނު މީހަކު ދިރިހުރިތޯ ބެލުމަށް، އެ އަތޮޅު ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން އާންމުކޮށް އިއުލާނުކޮށްފިއެވެ. މި އިއުލާނުގައި ހޯދަން ބޭނުންވަނީ ގއ. ދިޔަދޫ، ތަނޑިރަތްމާގެ، ޙަސަން މުޙައްމަދެވެ.

ގެމަނަފުށީ ކޯޓުން މައުލޫމާތު ދިން ގޮތުގައި ޙަސަން މުޙައްމަދަކީ 1973 ވަނަ އަހަރު ކަނޑުމަތީގެ ހާދިސާއެއްގައި ގެއްލިފައިވާ މީހެކެވެ. އޭނާ ހޯދުމަށް އިއުލާނުކުރީ، އޭނާގެ ދަރިއަކު ކޯޓަށް ހުށަހަޅާފައިވާ ތަރިކަ ބެހުމުގެ މައްސަލައަކާ ގުޅިގެން، އޭނާގެ ދުނިޔޭގައި ހުރިތޯ ނުވަތަ ނޫންތޯ ޝަރުއީ ގޮތުން ކަށަވަރު ކުރުމަށެވެ.

އެހެންކަމުން، ޙަސަން މުޙައްމަދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އެކަން ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަށް އެންގުމަށް އެ ކޯޓުން ވަނީ އެދިފައެވެ. މިފަދަ އިއުލާނުތަކަކީ އާންމުކޮށް މީހަކު މަރުވެފައިވާކަން ކަނޑައެޅުމުގެ ކުރިން ކުރަންޖެހޭ އިޖުރާއަތެކެވެ.

ގއ. ދިޔަދޫއަކީ ކުރިން މީހުން ދިރިއުޅުނު ރަށެއް ނަމަވެސް، މިހާރު އެއީ ފަޅު ރަށެކެވެ. އެ ރަށުގެ ރައްޔިތުން މިހާރު ދިރިއުޅެމުން ދަނީ ގެމަނަފުށީގެ އިތުރުން ގއ. ކޮނޑޭ އާއި ލ. ގަމުގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ