ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026: ރާއްޖެ ހިމެނުނީ އިންޑިއާ އާއި ޕާކިސްތާނާއެކު އެއް ގްރޫޕެއްގައި

TECNO SAFF
TECNO SAFF

މިއަހަރުގެ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް،  ޓެކްނޯ ސާފް ޗެމްޕިއަންޝިޕް 2026 ގެ ގުރުއަތުލުން މިއަދު ބޫޓާންގެ ތިމްޕޫގައި ބާއްވައިފިއެވެ. މި ގުރުއަތުލުމުގެ ނަތީޖާ ދެއްކި ގޮތުން، ދިވެހިރާއްޖެ ހިމެނިފައިވަނީ ސަރަހައްދުގެ އެންމެ ވަރުގަދަ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނާއެކު ގްރޫޕް 'ބީ' ގައެވެ.

މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް ހިމެނެނީ ގްރޫޕް 'އޭ' ގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ސްރީ ލަންކާ އާއި ބޫޓާނެވެ. ނޭޕާލްގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ފީފާއިން ދީފައިވާ ސަސްޕެންޝަނުގެ ސަބަބުން އެގައުމު މިއަދުގެ ގުރުއަތުލުމުގައި ބައިވެރިކޮށްފައެއް ނުވެއެވެ. ނަމަވެސް، ސާފްއިން މައުލޫމާތު ދޭ ގޮތުގައި މުބާރާތް ފެށުމުގެ ކުރިން ސަސްޕެންޝަން އުވާލައިފިނަމަ، ނޭޕާލަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދެވޭނެއެވެ. އެފަދަ ހާލަތެއްގައި ނޭޕާލް ހިމެނޭނީ ގްރޫޕް 'އޭ' ގައެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ޝަރަފުވެރި މި މުބާރާތް ކުރިއަށްދާނީ އަންނަ ނޮވެމްބަރު މަހުގެ 4 އިން 17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ. މި މުބާރާތަކީ 1993 ވަނަ އަހަރު "ސާކް ގޯލްޑް ކަޕް" ގެ ނަމުގައި ޕާކިސްތާނުގައި ފެށުނު މުބާރާތެކެވެ. ވޭތުވެދިޔަ 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި މި މުބާރާތުގެ އެންމެ ކާމިޔާބު ގައުމަކީ ޖުމްލަ 9 ފަހަރު ތަށި އުފުލާލާފައިވާ އިންޑިއާއެވެ.

ރާއްޖެއަކީ މި މުބާރާތުގެ ތާރީހުގައި އިންޑިއާ ފިޔަވައި ދެން އެންމެ ކާމިޔާބު ގައުމެވެ. ރާއްޖެއިން ވަނީ 2008 އަދި 2018 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. ރާއްޖެއިން ފުރަތަމަ ފަހަރަށް ތަށި ހޯދީ 2008 ވަނަ އަހަރު ސްރީ ލަންކާގެ ކޮލަމްބޯގައި ކުޅުނު ފައިނަލުގައި އިންޑިއާ ބަލިކޮށްގެންނެވެ. އަދި ދެވަނަ ފަހަރަށް ތަށި ހޯދީ 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ކުޅުނު ފައިނަލުގައިވެސް އިންޑިއާ ބަލިކުރުމަށްފަހުގައެވެ. މީގެ އިތުރުން ރާއްޖެއިން ވަނީ ތިން ފަހަރެއްގެ މަތިން މުބާރާތުގެ ފައިނަލުގައި ވާދަކޮށް ދެވަނަ ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ