ސްކޫލް ބަންދާއި މިނިވަން ދުވަހުގެ ބަންދާ ދިމާކޮށް އުމްރާގެ އަޅުކަން އަދާކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުން، ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށްފަހު ރާއްޖެ އަންނަ ދުވަސްވަރަކަށް ވާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އެ އިދާރާއިން ވަނީ މުހިންމު އިރުޝާދުތަކެއް ނެރެފައެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި އުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދަން ޖެހެއެވެ. ޑޮކްޓަރަށް ދައްކާއިރު، އެއީ އުމްރާގެ ދަތުރަށްފަހު އެނބުރި އައި މީހެއްކަން ހާމަކުރުމަކީ ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ފަސޭހަވާނެ ކަމެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
ބަލިތަކުން ރައްކާތެރިވުމަށްޓަކައި އަރިދަފުސް ރޯގާގެ އަލާމާތްތައް ފެންނަ ނަމަ، ކެއްސާ ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށާއި، ސައިބޯނި ލައިގެން ގިނަގިނައިން އަތް ދޮވުމަށް ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން، ބަލިވެ އުޅޭ ހާލަތުގައި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ޑޮކްޓަރެއްގެ ލަފާ ނެތި އަމިއްލައަށް އެންޓިބަޔޮޓިކް ފަދަ ބޭސްތައް ބޭނުން ނުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއލް) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ޖުލައި މަހަކީ ރެކޯޑް އަދަދަކަށް މީހުން އުމްރާއަށް ފުރި މަހެކެވެ. އެގޮތުން 5،565 އަށް ވުރެ ގިނަ މީހުން ޖުލައި މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް އުމްރާއަށް ފުރާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މިއީ ފަހުގެ ތާރީހެއްގައި އެއް މަހެއްގެ ތެރޭގައި މިހާ ގިނަ ބަޔަކު އުމްރާއަށް ފުރި ފުރަތަމަ ފަހަރެވެ.