މައިންނާއި ޅަދަރިންގެ ސިއްހީ ރައްކާތެރިކަމަށް ފާއިތުވި ދެ އަހަރު ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ފަސްޓް ލޭޑީ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ދުޅަހެޔޮ ދިރިއުޅުން، އުފާވެރި މުޖުތަމަޢު ހެލްތްކެއަރ ކެމްޕޭން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ދުޅަހެޔޮ ދިރިއުޅުން، އުފާވެރި މުޖުތަމަޢު ހެލްތްކެއަރ ކެމްޕޭން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ފާއިތުވި ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ މައިންނާއި ޅަދަރިންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅި، ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ގާތުންދިނުމުގެ ހަފްތާ ފާހަގަކުރުމުގެ ގޮތުން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.


ފަސްޓް ލޭޑީގެ މެސެޖުގައި، ދަރިންނަށް ގާތުންދިނުމަކީ ހަމައެކަނި ކާނާ ފޯރުކޮށްދިނުމެއް ނޫންކަމަށާއި، އެއީ މައިންގެ ލޯތްބާއި އޯގާތެރިކަމުގެ މަތިވެރި ނަމޫނާއެއްކަން ފާހަގަކުރެއްވިއެވެ. ގާތުންދިނުމުގެ ސަބަބުން ކުއްޖާގެ ދިފާއީ ނިޒާމު ވަރުގަދަވެ، މުޅި އުމުރަށް ދެމިގެންދާނެ ދުޅަހެޔޮކަމުގެ ބިންގަލެއް އެޅިގެންދާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، މިއީ މަންމައާއި ދަރިފުޅުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށްދޭ މުހިންމު ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން މައިންނަށް ފޯރުކޮށްދޭ ލުއިފަސޭހަތަކަށް އަލިއަޅުއްވާލައްވަމުން ސާޖިދާ ވިދާޅުވީ، ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅަށް ދެ އަހަރު ވަންދެން މުސާރަ ލިބޭ ގޮތަށް ގާތުންދިނުމުގެ ވަގުތު ހަމަޖައްސައިދީފައިވާ ކަމަށެވެ. ވަޒީފާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، ވިހެއުމާ ގުޅިގެން ލިބޭ ހަ މަސްދުވަހުގެ ޗުއްޓީގެ އިތުރުން، އެނބުރި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދުވާލަކު ދެ ފަހަރު 30 މިނެޓުގެ ވަގުތުކޮޅެއް މުސާރައިން ނުކެނޑޭ ގޮތަށް ދޭންޖެހެއެވެ. މި ހައްގުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް އެކަމަނާ ވަނީ މައިންނަށް އިލްތިމާސްކުރައްވާފައެވެ.

މައިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއްކަން ފާހަގަކުރެއްވިއެވެ. މިއަހަރުގެ ގާތުންދިނުމުގެ ހަފްތާގެ ޝިއާރު ކަމަށްވާ "ދެމެހެއްޓެނިވި ފެށުމަކަށް ގާތުންދިނުން: ކާމިޔާބު އުސޫލުތައް އިތުރަށް ހަރުދަނާކުރުން" މި ލަނޑުދަނޑި ހާސިލުކުރުމަށް އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ފަސްޓް ލޭޑީ ގޮވާލެއްވިއެވެ. އާއިލާތަކާއި ވަޒީފާދޭ ފަރާތްތަކުން މައިންނަށް ދޭ އެއްބާރުލުމަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ