މަސްވެރިކަން ބޮޑުތަނުން ރަނގަޅުވެ، މަސްވެރިންނަށް ދޫކުރި ފައިސާ 49 މިލިއަނަށް އަރައިފި!

ދިވެހި މަސްވެރިންތަކެއް މަސްބާނަނީ- ފޮޓޯ: ޒުވާން މަސްވެރިއާ/ޓުވިޓަރ
ދިވެހި މަސްވެރިންތަކެއް މަސްބާނަނީ- ފޮޓޯ: ޒުވާން މަސްވެރިއާ/ޓުވިޓަރ

މިދިޔަ ޖޫން މަހު ރާއްޖޭގެ މަސްވެރިކަން އާދަޔާ ހިލާފަށް ދަށްވުމަށްފަހު، ޖުލައި މަހު މަސްވެރިކަން ބޮޑުތަނުން ރަނގަޅުވެފައިވާކަން ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މި ބަދަލާއެކު މަސްވެރިންނަށް މިދިޔަ މަހު ދޫކުރި ފައިސާގެ އަދަދު ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ހަތަރު ގުނަ އިތުރުވެފައެވެ.

މިފްކޯއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ޖުލައި މަހުގެ ތެރޭގައި ޖުމްލަ 2,475 ޓަނުގެ މަސް ވަނީ ކިރުވައިފައެވެ. މީގެ ތެރޭގައި ހިމެނެނީ 2,400 ޓަނުގެ ކަޅުބިލަމަހާއި، އެކި ބަރުދަނުގެ 75 ޓަނުގެ ކަންނެއްޔެވެ. މިއީ ޖޫން މަހު ކިރުވި 568 ޓަނުގެ މަހާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މަސްވެރިކަން ރަނގަޅުވުމާ ގުޅިގެން މަސްވެރިންނަށް ލިބުނު އާމްދަނީ ވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ޖޫން މަހު މަސްވެރިންނަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ޖުލައި މަހު މި އަދަދު ވަނީ 49.8 މިލިއަން ރުފިޔާއަށް އުފުލިފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކަޅުބިލަމަސް ކިރުވައިގެން ލިބުނު 48 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ މިހާތަނަށް މަސްވެރިކަން އެންމެ ރަނގަޅުވީ އޭޕްރިލް މަހުގައެވެ. އެ މަހު 4,414 ޓަނުގެ މަސް ކިރުވައި، މަސްވެރިންނަށް 78.8 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. ނަމަވެސް ޖޫން މަހަކީ މި އަހަރުގެ ތެރޭގައި މަސްވެރިކަން އެންމެ ބޮޑަށް ދަށްވި މަހެވެ.

މިފްކޯއިން ފާހަގަކުރާ ގޮތުގައި ޖޫން މަހު މަސްވެރިކަން ދަށްވީ ހުޅަނގު މޫސުމުގެ ގަދަވަޔާއި ވިއްސާރައިގެ ސަބަބުން އެންވެރިކަން ދަށްވުމުންނެވެ. އާންމު ގޮތެއްގައި ވެސް ޖޫން އަދި އޯގަސްޓް މަހަކީ ރާއްޖޭގެ މަސްވެރިކަން ދަށް ދުވަސްވަރެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ