ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭއިރު، ބައެއް ރަށްތަކަށް އުދައެރުމުގެ ފުރުސަތު އެބައޮތް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ދެކުނުގެ އަތޮޅުތަކަށް ވައި މަޑުވާނެ ކަމަށް ބެލެވޭއިރު، އެ ސަރަހައްދުތަކަށް ވައި ޖެހޭނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިދިޔަ ހަފުތާގެ ތެރޭގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ވަނީ އުދައިގެ އަސަރުކޮށްފައެވެ. އެގޮތުން ދ. ރިނބިދުއާއި ލ. އިސްދުއަށް އުދަ އަރައިގެން ރިޕޯޓްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ.
ސްކޫލްތަކުގެ ބޮޑު ޗުއްޓީއަށްފަހު މިއަދު ކިޔެވުން ފަށާފައިވާއިރު، ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި މޫސުން އަލިވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.