ހުޅުމާލޭ ފަހި ޓަވަރުތައް ކައިރިން ކުނި ނަގަން 9 މަސް ތެރޭ 13.5 މިލިއަން ރުފިޔާ ހޭދަވެއްޖެ

ހުޅުމާލޭ ފަހި ޓަވަރުތަކެއް ކައިރިއަށް އަޅާފައި ހުރި ކުނިތަކެއް
ހުޅުމާލޭ ފަހި ޓަވަރުތަކެއް ކައިރިއަށް އަޅާފައި ހުރި ކުނިތަކެއް. ފޮޓޯ: އަމާނީ، އެކްސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޓަވަރުތައް ހިމެނޭ ސަރަހައްދުން ކުނި ނައްތާލުމަށްޓަކައި ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި 13.5 މިލިއަން ރުފިޔާ ހޭދަކުރަން ޖެހިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެފްޑީސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ސަރަހައްދުގެ އާންމު ތަންތަނުން ޖުމުލަ 5,040 ޓަނުގެ ކުނި ވަނީ ނަގައިފައެވެ. މީގެ ތެރޭގައި ގިނައީ އުސޫލުތަކާ ހިލާފަށް މަގުމައްޗަށާއި ހުސް ބިންތަކަށް އުކާލާފައި ހުރި ކުނި ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރުން މިއަހަރުގެ މާރިޗު މަހުގެ ނިޔަލަށް 8.45 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އަދި މިއަހަރުގެ އޭޕްރީލް މަހު 75,100 ރުފިޔާ ހޭދަވިއިރު، މެއި މަހުން ޖޫން މަހުގެ ނިޔަލަށް 4.95 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް އެފްޑީސީން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި އެއް ޓަނު ކުންޏަކީ ގާތްގަނޑަކަށް 133 ކޮތަޅުގެ ކުންޏެވެ.

މި މައްސަލައާ ގުޅިގެން އެފްޑީސީން ބުނީ، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް ކުނި އުކާލުމުގެ ސަބަބުން ދައުލަތުގެ ބަޖެޓުންނާއި ކޯޕަރޭޝަނުން ކުރަންޖެހޭ ހޭދަ ނިސްބަތުން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ޚާއްސަކޮށް ބައު ފަރުނީޗަރާއި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ފަދަ ބޮޑެތި ކުނިތައް މަގުމައްޗަށް އުކާލުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

އެފްޑީސީން ވަނީ ކުނި އުކާލުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށާއި، ސާފުތާހިރު މާހައުލެއް ބިނާކުރުމަށް އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ގަވާއިދާ ހިލާފަށް ކުނި އަޅާ ފަރާތްތައް ޖޫރިމަނާ ކުރަމުންދާނެ ކަމުގެ އިންޒާރު ވެސް އެ ކޯޕަރޭޝަނުން ވަނީ ތަކުރާރުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ