ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓުގައި ފިލި ދޯނި އަދިވެސް ނުފެނޭ

މި ހާދިސާގައި އެކްސިޑެންޓުވި ލޯންޗު. ފޮޓޯ: މެރިން ޕޮލިސް
މި ހާދިސާގައި އެކްސިޑެންޓުވި ލޯންޗު. ފޮޓޯ: މެރިން ޕޮލިސް

އިއްޒުއްދީން ފާލަން ކައިރިން ކަނޑުމަތީގައި މިދިޔަ މަހުގެ ކުރީކޮޅު ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު، މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ހޯދުމުގެ މަސައްކަތް އަދިވެސް ކާމިޔާބު ނުވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި މަހުގެ ނުވަވަނަ ދުވަހުގެ ރޭ 21:10 ހާއިރުއެވެ. "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއްގައި ދޯންޏަކުން ޖެހި ހިނގި މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އެރޭގެ 21:16 ހާއިރުއެވެ. އެކްސިޑެންޓުވުމާއެކު، އޭގައި ހިމެނޭ ދޯނި ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައެވެ.

މި ހާދިސާގައި ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އޭގެ އެއްފަޅި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މީގެ އިތުރުން، ލޯންޗުގެ އެތެރޭގެ ސީޓުތަކަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި އެކްސިޑެންޓުގައި ލޯންޗުން ދަތުރުކުރި ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން އައިޖީއެމްއެޗްގައި ފަރުވާ ދީފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި، ފިލައިގެން ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް މެރިން ޕޮލިހުން އަދިވެސް ދަނީ ކުރަމުންނެވެ. ކަނޑުމަތީގެ މިފަދަ ހާދިސާތައް ފަހަކަށް އައިސް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން، މި އޮގަސްޓު މަހުގެ ދެވަނަ ދުވަހު ވެސް ސަޕްލައި ދޯންޏަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވެއެވެ. ނަމަވެސް އެ ހާދިސާގައި ފިލި އުޅަނދު ފަހުން ވަނީ ހޯދިފައެވެ.

ޖުލައި މަހުގެ އެކްސިޑެންޓާ ގުޅޭ ތަހުގީގު އަދިވެސް ކުރިއަށްދާއިރު، އެ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެކަން ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ