ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްގެ ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް އޮތް ހަފުތާ ބަންދުގައި ބޭއްވުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯއާއި 32 އަހަރުގެ ޖޯޖީނާގެ ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ރޮނާލްޑޯ އުފަންވި ޕޯޗުގަލްގެ މެޑީރާގެ ފުންޗާލް ކެތީޑްރަލްގައެވެ. މީގެ ކުރިން މި ހަފުލާ ބާއްވާނެ ކަމަށް އަޑުފެތުރުނީ ޕޯޗުގަލްގެ ސިންތުރާގައި ނަމަވެސް، އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި ކައިވެނީގެ ރަސްމިއްޔާތަށްފަހު ބާއްވާ ބޮޑު ހަފުލާ އޮންނާނީ ފުންޗާލްގައި ހުންނަ މަޝްހޫރު ސަވޯއީ ޕެލެސް ހޮޓެލްގައެވެ. މި ހަފުލާއަށްޓަކައި އެ ހޮޓަލުގެ ދެ ފްލޯއެއް އާންމުންނަށް ނުވަދެވޭ ގޮތަށް މިހާރު ވަނީ ބަންދުކޮށްފައެވެ.
ކައިވެނީގެ ރަސްމިއްޔާތު ރޮނާލްޑޯގެ އުފަން ރަށުގައި ބޭއްވުމަކީ އޭނާއަށް ވަރަށް ޚާއްޞަ ކަމެކެވެ. ފުންޗާލްއަކީ ރޮނާލްޑޯގެ އާއިލާގެ އެންމެންނާއެކު އެއް ކޮޓަރިއެއްގައި ނިކަމެތި ހާލުގައި އުޅެ ބޮޑުވި ރަށެވެ. އުމުރުން އެންމެ 11 އަހަރުގައި ފުޓްބޯޅައިގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް އޭނާ އެ ރަށް ދޫކޮށް ދިޔަ ނަމަވެސް، މިއަދު އޭނާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެތުލީޓުންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ.
ރޮނާލްޑޯއާއި ޖޯޖީނާގެ ލޯބީގެ ގުޅުން ފެށުނީ 2016 ވަނަ އަހަރު މެޑްރިޑްގެ ގޫޗީ ފިހާރައެއްގެ ތެރެއިންނެވެ. އޭގެ ފަހުން އަށް އަހަރު ވީއިރު، މި ދެމީހުންނަށް ވަނީ ކުދިންވެސް ލިބިފައެވެ. މިހާރު ސައުދީ އަރަބިއްޔާގެ އަލް ނަޞްރު ކްލަބަށް ކުޅެމުންދާ ރޮނާލްޑޯ، ޖޯޖީނާއާ ކައިވެނި ކުރުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށް މީގެ ކުރިން ބުނެފައިވެއެވެ.
ކައިވެނީގެ ޚަބަރުތައް ގަދަވެފައިވީ ނަމަވެސް، ރޮނާލްޑޯގެ ފަރާތުން ރަސްމީކޮށް މިކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. ބައެއް މީޑިއާ ރިޕޯޓުތަކުން މި ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށްވެސް ބުނަމުންދެއެވެ.