އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް މިރޭ ފަށަނީ: ބަހުގެ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް

އަމީނީ މަގުގެ ތާރުގަނޑު ހަލާކުވެފައިވާ ސަރަހައްދެއް. ފޮޓޯ: އެކި އޮންލައިން
އަމީނީ މަގުގެ ތާރުގަނޑު ހަލާކުވެފައިވާ ސަރަހައްދެއް. ފޮޓޯ: އެކި އޮންލައިން

މާލޭގެ އަމީނީ މަގުގެ ތާރުގަނޑަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް މިރޭ ދަންވަރު 00:00 އިން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

މި މަސައްކަތުގެ ދަށުން އަމީނީ މަގުގެ ފުރަތަމަ ސެގްމަންޓް މަރާމާތުކުރާއިރު، އިއްޒުއްދީން މަގާ ގުޅޭ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ. މަގު ބަންދުކުރުމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައެވެ.

މަގު ބަންދުކުރުމާ ގުޅިގެން އާރުޓީއެލް ބަހުގެ ހިދުމަތްތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެމްޓީސީސީން ބުނި ގޮތުގައި އޯކިޑް ރޫޓުގެ ބަސްތައް ދެން މަޑުކުރާނީ ދަރުމަވަންތަ ބަސް ހުއްޓީގެ ބަދަލުގައި ވެސްޓްޕާކު ބަސް ހުއްޓިއަށެވެ. އަދި މި މަސައްކަތް ނިމެންދެން ސޯޝަލް ސެންޓަރު، އައިޖީއެމްއެޗް އަދި ދަރުމަވަންތަ ބަސް ހުއްޓިއަށް އެ ރޫޓުގެ ބަސްތައް މަޑެއް ނުކުރާނެއެވެ.

މީގެ އިތުރުން، އަމީނީ ރޫޓުގެ ބަހުގެ ހިދުމަތް މި މުއްދަތުގައި މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ. އަދި R1, R3, R7 އަދި R15 ރޫޓުތަކުގެ ބަސްތައް މާލޭގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މަޑުކުރާނީ މާފަންނު ބަސް ޓާމިނަލަށެވެ. މި ބަދަލާއެކު ފުޑް ކޯޓު، ދަރުމަވަންތަ އަދި ވެސްޓް ޕާކު ބަސް ހުއްޓިއަށް މި ރޫޓުތަކުގެ ބަސްތައް މަޑުނުކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އަމީނީ މަގަކީ މާލޭގެ އެންމެ ބާރުބޮޑު އެއް މަގަށް ވާއިރު، މި މަރާމާތުގެ މަސައްކަތް ނިމެންދެން ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ