ތިލަފުއްޓަށް ގެންނަ ކުނި ވަކިނުކުރާނަމަ ބަލައިނުގަންނަން ވެމްކޯއިން ނިންމައިފި

ވެމްކޯ ތިލަފުށި ސައިޓު. ފޮޓޯ: ވެމްކޯ
ވެމްކޯ ތިލަފުށި ސައިޓު. ފޮޓޯ: ވެމްކޯ

ތިލަފުށީގައި ހުންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއަށް އުކާލުމަށް ގެންނަ ކުނި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ވަކިކޮށްފައި ނުވާނަމަ، އެ ކުނި ބަލައިނުގަންނާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހާމަކޮށްފިއެވެ.

ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތިލަފުއްޓަށް ކުނި ގެންނަ ފަރާތްތަކުން އަމަލުކުރަންޖެހޭ ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވީ ނަމަވެސް، ގިނަ ފަރާތްތަކުން އަދިވެސް ކުނި ގެންނަނީ އެކި ބާވަތްތައް އެއްކޮށްގެން ކަމަށެވެ. މިގޮތަށް ކުނި އެއްކޮށްގެން ގެނައުމުގެ ސަބަބުން، އެ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ހާއްސަކޮށް، ތިލަފުށީގައި ދޭތެރެ ދޭތެރެއިން ހިނގާ އަލިފާނުގެ ހާދިސާތަކުގެ މައިގަނޑު ސަބަބަކީ ވެސް ކުނި ވަކިނުކޮށް ގެނައުން ކަމަށް ވެމްކޯއިން ބުނެއެވެ. އެހެންކަމުން، މީގެ ފަހުން ތިލަފުއްޓަށް ކުނި ގެންނަންވާނީ މައިގަނޑު ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ ގާކުނި ނުވަތަ އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނުން އުފެދޭ ކުނި، އާންމު ކުނި އަދި ބޮޑެތި ކުނީގެ ބާވަތްތަކެވެ. މީގެ ތެރެއިން ވެސް ގާކުނި އެހެން ކުނިތަކާ އެއްނުވާނޭހެން ވަކިކުރުމަށް ވެމްކޯއިން ވަނީ ހާއްސަ އިރުޝާދެއް ދީފައެވެ.

ކުންފުނީގެ މުވައްޒަފުންނާއި މުދަލުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، އުސޫލާ ހިލާފަށް ކުނި އުފުލާ އުޅަނދުތަކަށް ހިދުމަތް ނުދީ އަނބުރާ ފޮނުވާލާނެ ކަމަށް ވެސް ވެމްކޯއިން ބުނެއެވެ. އަދި އެފަދަ އުޅަނދުތަކުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކާ ހިއްސާކުރަމުންދާނެ ކަމަށް ވެސް އެ ކުންފުނީގެ ބަޔާނުގައިވެއެވެ. މި ފިޔަވަޅަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ވެމްކޯއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ