ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެފަދަ ފަރާތްތަކުގެ ހައްގުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "ރިވެލި އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އިން މިއަދު ހުޅުވާލައިފިއެވެ.
މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި، އެފަރާތްތަކަށް އިޖުތިމާއީ އަދި އިގުތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ "އޯގާތެރި މުޖުތަމައު" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި އެވޯޑުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމާއި، އެ ދާއިރާއިން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރާ ފަރާތްތަކުގެ މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމެވެ.
މި އަހަރުގެ ރިވެލި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަ ކެޓަގަރީއަކުންނެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ރާއްޖެއަށް ރީތި ނަމާއި ކާމިޔާބީ ހޯދައިދޭ ފަރާތްތަކާއި، ތައުލީމީ ދާއިރާއިން ހިދުމަތްކުރާ ފަރާތްތަކާއި، އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން ފަރުދީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް ހިމެނެއެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުން އިގުތިސާދީ ގޮތުން ބާރުވެރިކުރުވުމަށް އެކި ގޮތްގޮތުން އެހީތެރިވާ ފަރާތްތަކަށްވެސް މި އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މި އެވޯޑުގެ ސަބަބުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކަށް އާންމުން ހޭލުންތެރިވުމާއި، މުޖުތަމައުގެ އެކި ދާއިރާތަކުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުވުމަށް މަގުފަހިވެގެންދާނެއެވެ. އަދި އެފަރާތްތަކުގެ އަމިއްލަ މިނިވަންކަމަށް ވަކާލާތުކޮށް، ކުރިއެރުމަށް ހިތްވަރު ދިނުމަކީވެސް މި އެވޯޑުގެ މުހިންމު އަމާޒެކެވެ.
މި އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފޯމާއި އުސޫލުތައް އުމަރު ޒާހިރު އޮފީސް ބިލްޑިންގުގައި ހުންނަ މިނިސްޓްރީގެ ކައުންޓަރުންނާއި، މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މީގެ އިތުރުން އަތޮޅުތެރޭގައި ގާއިމްކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުންވެސް ފޯމު ލިބޭނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 30 އޮގަސްޓު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. ފުރިހަމަކޮށްފައިވާ ފޯމުތައް މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ disability@health.gov.mv އަށް އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެއެވެ.