ރާއްޖޭގެ 10 ރަށެއްގައި އެގްރޯފޮރަސްޓްރީ ދަނޑުތައް ޤާއިމުކޮށް، ދަނޑުވެރިކަމުގެ އުފެއްދުންތައް އިތުރުކުރުމަށްޓަކައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ބެހޭ ވުޒާރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ 5 މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢަށް އެއްބާރުލުން ދިނުމާއި، ރާއްޖޭގައި ކާނާގެ ޔަޤީންކަން ކަށަވަރުކުރުމެވެ. މި މަޝްރޫޢުގެ ދަށުން ހޮވާލެވޭ 10 ރަށެއްގައި އެގްރޯފޮރަސްޓްރީ ދަނޑުތައް ތަރައްޤީކޮށް، އެ ތަންތަނުގައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި އެމްއޯޔޫގެ ދަށުން މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން 4 ލައްކަ ގަސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން 10 ރަށެއްގައި ނާސަރީތައް ތަރައްޤީކުރުމަށް ބޭނުންވާ އެއްބަސްވުންތަކުގައި ކައުންސިލްތަކާއެކު މިހާރު ވަނީ ސޮއިކުރެވިފައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށާއި މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މިހާތަނަށް 1.8 މިލިއަން ގަސް ވަނީ އިންދާފައެވެ. އަދި އެކި ފަރާތްތަކުން މި މަޝްރޫޢަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 5.8 މިލިއަން ގަސް އިންދުމަށް މިހާތަނަށް ވަނީ ވައުދުވެފައެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ސަބަބުން ރަށްތަކުގެ ފެހިކަން އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމެވެ.