ހުޅުމާލޭ ލަކުޑި ޖެޓީއަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

ހުޅުމާލެ ލަކުޑި ޖެޓީ މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ. ފޮޓޯ: އެޗްޑީސީ
ހުޅުމާލެ ލަކުޑި ޖެޓީ މަރާމާތު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަނީ. ފޮޓޯ: އެޗްޑީސީ

ބާޖަކުން ޖެހި، އެ ހުޅުމާލޭ ލަކުޑި ޖެޓީއަށް ލިބުނު ބޮޑެތި ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.

މި ހާދިސާގައި ޖެޓީގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ ސަރަހައްދު ބޭނުންކުރާ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޗްޑީސީން ވަނީ އެ ފާލަން މިހާރު ވަގުތީގޮތުން ބަންދުކޮށްފައެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ލަކުޑި ޖެޓީއަކީ ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކުވެސް އެކި ބޭނުންތަކަށް ބޭނުންކުރާ މުހިންމު ވަސީލަތަކަށް ވާތީ، މަރާމާތުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި މަރާމާތު ނިންމައި، އަލުން ޚިދުމަތަށް ހުޅުވާލުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށްވެސް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ. މި މަރާމާތުގެ ސަބަބުން ޖެޓީގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަރާމާތުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އާންމުންނަށާއި ޖެޓީގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މާފަށް އެދިފައެވެ. އެ ކުންފުނީގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، އާންމު ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ އަދި ރައްކާތެރި ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ