ލ. އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އަންހެނެއްގެ ޖަންގިޔާގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް، އެ މައްސަލައިގައި ހިމެނޭ ފިރިހެނަކު އިއުތިރާފުވުމުން އަންހެންމީހާގެ މައްޗަށް ކުރި ދައުވާ ދައުލަތުން އަނބުރާ ގެންގޮސްފިއެވެ.
މި މައްސަލައަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ލ. އަތޮޅުގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހއ. ހޯރަފުށީ އަންހެނަކާއި ލ. މާވަށު ފިރިހެނަކު ހައްޔަރުކުރި މައްސަލައެކެވެ. ފުލުހުން އެ އަންހެންމީހާ ބަލައި ފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖަންގިޔާގެ ތެރޭގައި އޮތް ޕެޑެއްގައި ޓޭޕް އަޅައިގެން ހަރުކޮށްފައި ހުރި 9.2 ގްރާމްގެ ޑައިމޯފިން ފެނިފައިވާ ކަމަށް ކޯޓު ރިޕޯޓުތަކުން އެނގެއެވެ.
މި މައްސަލައިގައި ދައުލަތުން އެ ދެ މީހުންގެ މައްޗަށް ވެސް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލައި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ 2025 ވަނަ އަހަރުގެ ކުރީކޮޅުއެވެ. އަންހެންމީހާގެ މައްޗަށް އުފުލި ދައުވާ ސާބިތުވިނަމަ، އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު ބޮޑު ޖޫރިމަނާއެއް އަންނާނެއެވެ. ނަމަވެސް، ޝަރީއަތުގެ މަރުހަލާގައި އެ ފިރިހެންމީހާ ވަނީ އެ ތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ ކުށަށް އިއުތިރާފުވެފައެވެ. އެއާއެކު، އަންހެންމީހާގެ މައްޗަށް ކުރި ދައުވާ ކުރިއަށް ނުގެންދަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައި، އެ މައްސަލަ ވަނީ ކޯޓުން އަނބުރާ ފޮނުވާލާފައެވެ.
ކުށަށް އިއުތިރާފުވި ފިރިހެންމީހާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގައި 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. މީގެ އިތުރުން 50،000 ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޭނާގެ މައްޗަށް ކުރި ކެނެބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވުމުން، އެ ކުށުގެ އަދަބެއްގެ ގޮތުން އެއް އަހަރާއި ފަސް މަހާއި ހަތަރު ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފައެވެ. އޭނާއަށް ލުއި އަދަބެއް ލިބުނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުންނެވެ.