ކޮލޮމްބޯ ބޭރުން އެމްއެސްއެސްގެ ބޯޓަކުން 17 ކޮންޓެއިނަރު ކަނޑަށް އެޅިއްޖެ

މޯލްޑިވްސް ސްޓޭޓް ޝިޕިން ގެ ކާގޯ އުޅަނދެއް. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
މޯލްޑިވްސް ސްޓޭޓް ޝިޕިން ގެ ކާގޯ އުޅަނދެއް. ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) ގެ އުޅަނދަކުން އުފުލި 17 ހުސް ކޮންޓެއިނަރެއް ކޮލޮމްބޯ ބަނދަރު ކައިރިން ކަނޑަށް އެޅިއްޖެއެވެ.

ސްރީލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ކުންފުނީގެ "އެމްވީ އެމްއެސްއެސް ގްރެފީން" ނަމަކަށް ކިޔާ ބޯޓަކަށެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު މާލެއިން ފުރައިގެން ކޮލޮމްބޯއަށް ދަތުރުކުރި މި ބޯޓުން ކޮންޓެއިނަރުތައް ކަނޑަށް އެޅުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކަނޑުގަދަވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

ކޮލޮމްބޯގެ އިންފޮމޭޝަން ފިއުޝަން ސެންޓަރާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮންޓެއިނަރުތައް އެޅިފައިވަނީ ކޮލޮމްބޯ ބަނދަރާ ހުޅަނގުން ގާތްގަނޑަކަށް 17 ނޯޓިކަލް މޭލު ބޭރަށެވެ. މި ހާދިސާއާ ގުޅިގެން ސްރީލަންކާގެ ކަމާބެހޭ އިދާރާތަކުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ސްރީލަންކާގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އާއި އެ ގައުމުގެ ނޭވީން ދަނީ މި ހާދިސާ ހިނގި ސަރަހައްދު މޮނިޓަރު ކުރަމުންނެވެ. އަދި އޮޔާދާ ކޮންޓެއިނަރެއް ފެނިއްޖެ ނަމަ، ލަސްނުކޮށް އެ ގައުމުގެ ކޯސްޓްގާޑަށް ނުވަތަ ކަމާބެހޭ މަރުކަޒުތަކަށް އެންގުމަށް މަސްވެރިންނަށާއި ދަތުރުވެރިންނަށް ވަނީ އަންގާފައެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމްއެސްއެސްގެ ބެލެނިވެރި ކުންފުނި، އެސްޓީއޯގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ. ނަމަވެސް، މިފަދަ ހާދިސާތަކަކީ ކަނޑުގަދަ ދުވަސްވަރު މުދާ އުފުލާ ބޯޓުފަހަރަށް ދިމާވާ ނުރައްކާތެރި ހާދިސާތަކެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ