ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލާފައިވާ އައު އޮނިގަނޑުގެ ދަށުން ބާއްވާ "އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް 2026" މި މަހުގެ ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖައްސައިފިއެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ގުރުއަތުލުން މިހާރު ވަނީ ބާއްވާފައެވެ.
މި މުބާރާތް ބެހިފައިވަނީ މައިގަނޑު ހަތަރު ބުރަކަށެވެ. އެންމެ ފުރަތަމަ ކުރިއަށްދާނީ އަތޮޅު މުބާރާތެވެ. ކޮންމެ އަތޮޅަކުން އެންމެ މޮޅު ދެ ޓީމު ޒޯން ޗެމްޕިއަންޝިޕަށް ހޮވޭއިރު، ޒޯންތަކުން ހޮވޭ ޓީމުތައް ވާދަކުރާނީ ރީޖަނަލް ޗެމްޕިއަންޝިޕްގައެވެ. ރީޖަނަލް ބުރުގެ ޗެމްޕިއަން ޓީމުތައް ނެޝަނަލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. އެފްއޭއެމް އިން ހާމަކޮށްފައިވާ ގޮތުގައި، ނެޝަނަލް ބުރުގައި ވާދަކުރާ ހަތަރު ޓީމަށް 2027 ވަނަ އަހަރުގެ މޯލްޑިވްސް ފުޓްސަލް ލީގުން ޖާގަ ލިބޭނެއެވެ.
މި މުބާރާތުގެ އަތޮޅު ބުރުގައި ޖުމްލަ 59 ޓީމު ބައިވެރިވެފައިވާއިރު، ކުޅުން ކުރިއަށްދާނީ 16 އަތޮޅެއްގައެވެ. ބައެއް އަތޮޅުތަކުން އެންމެ ޓީމެއް ބައިވެރިވުމުގެ ސަބަބުން، މާފަންނު، ސ. ހިތަދޫ، ޏ. ފުވައްމުލައް، ށ. ކަނޑިތީމު އަދި ވ. ކެޔޮދޫ ވަނީ ކުޅުމަކާ ނުލައި ޒޯން ބުރަށް ކޮލިފައިވެފައެވެ.
މުބާރާތުގެ ފުރަތަމަ މެޗުތައް ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވަނީ ބ. އަތޮޅުގައެވެ. ހަ ރަށަކުން ވާދަކުރާ ބ. އަތޮޅުގެ މެޗުތައް ކުރިއަށްދާނީ އޭދަފުށީގައެވެ. މީގެ އިތުރުން ހއ، ހދ، ނ، ރ، ޅ، ކ، އއ، އދ، މ، ފ، ދ، ތ، ލ، ގއ އަދި ގދ އަތޮޅުގެ މެޗުތައްވެސް މި މަހާއި އަންނަ މަހުގެ ތެރޭގައި އެކި ތާރީޚުތަކުގައި ކުރިއަށްދާނެއެވެ.
އަތޮޅު ބުރުގައި ކޮންމެ ރަށެއްގެ ޓީމެއްގައިވެސް ހިމެނެންވާނީ އެ ރަށެއްގެ ރަޖިސްޓްރީގައި އޮންނަ ދިވެހި ކުޅުންތެރިންނެވެ. ނަމަވެސް، ކޮންމެ ޓީމަކަށްވެސް އެއް ބިދޭސީ ކުޅުންތެރިއަކު ހިމެނުމުގެ ފުރުސަތު އޮންނާނެއެވެ. ޒޯން އަދި ރީޖަނަލް ބުރަށް ދާއިރު، ޓީމު ލިސްޓަށް ބަދަލު ގެނައުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، އެ ބުރުތަކުގައި ރަށުން ބޭރު އެއް ދިވެހި ކުޅުންތެރިއަކު ހިމެނޭނެ ކަމަށް އެފްއޭއެމް އިން ބުނެއެވެ. މި މުބާރާތް ކުރިއަށްދަނީ އެފްއޭއެމް އާއި ކްލަބް މޯލްޑިވްސް ގުޅިގެންނެވެ.