އައްޑޫ ލިންކް ރޯޑުގެ މަސައްކަތް އަވަސްކުރުމަށް އެހެން ބަޔަކާ ހަވާލުކުރަން އުޅޭކަމަށް ވަޒީރު ވިދާޅުވެއްޖެ

ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މަޖިލީހުގައި ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ؛ މަޖިލިސް އިދާރާ
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މަޖިލީހުގައި ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ؛ މަޖިލިސް އިދާރާ

އައްޑޫ ސިޓީގެ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު އަވަސްކުރުމަށްޓަކައި، އެ މަގުގެ ތާރު އެޅުމުގެ މަސައްކަތް އެހެން ކުންފުންޏަކާ ހަވާލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު އަހުމަދުދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މުޅި މަޝްރޫއަށް ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ހިނގާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި މި މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ނަމަވެސް، މަސައްކަތް އަވަސްކުރުމަށްޓަކައި ލިންކް ރޯޑުގެ ބައި އެހެން ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ މަގު ފުޅާކުރުމަށްފަހު ކެރިއޭޖްވޭގެ މަސައްކަތް ނިންމުމަށެވެ. އައްޑޫ ލިންކް ރޯޑަކީ ބާރުބޮޑު މަގަކަށް ވުމާއެކު، މަސައްކަތް ކުރިއަށް ގެންދާއިރު ދަތުރުފަތުރަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި އެއްފަރާތް ނިންމުމަށްފަހު އަނެއް ފަރާތް ހެދުމުގެ އުސޫލުން މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ދެ ލޭނަށް އޮތް ބައެއް ސަރަހައްދުތައް ހަތަރު ލޭނަށް ބަދަލުކުރުމާއި، ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ އިތުރުން ދުވާރު ހެދުމުގެ މަސައްކަތް ހިމެނެއެވެ. އާރްޑީސީއާ މި މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އައްޑޫގެ ގުޅިފައިވާ ރަށްތައް ގުޅުވައިދޭ 16 ކިލޯމީޓަރުގެ މި މަގަކީ 2003 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ މުހިންމު މަގކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ