އެމްޑީޕީ ސަރުކާރުގައި ފެނަކައިން 20 މަޝްރޫއެއް ސަބް ކޮންޓްރެކްޓް ކުރީ ބޮޑު އަގުގައި: މުއްތަލިބު

ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މަޖިލީހުގައި ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ؛ މަޖިލިސް އިދާރާ
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މަޖިލީހުގައި ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ؛ މަޖިލިސް އިދާރާ

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ފެނާއި ނަރުދަމާގެ 20 މަޝްރޫއެއް، އެ ކުންފުނިން އެހެން ބަޔަކަށް ސަބް ކޮންޓްރެކްޓް ކުރީ އަސްލު އަގަށްވުރެ ބޮޑު އަގުގައި ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވަލަޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ފެނަކައަކީ މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖުރިބާ ހުރި ކުންފުންޏަކަށް ނުވާއިރު، އެ ކުންފުންޏާ މަޝްރޫއުތައް ހަވާލުކުރުމުން މުޅި މަޝްރޫއު އެހެން ކުންފުނިތަކަށް ސަބް ކޮންޓްރެކްޓް ކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި އެއްވެސް ތަޖުރިބާއެއް ނެތް ކުންފުނިތައް ހިމެނޭއިރު، މިއީ މާލިއްޔަތު ގަވާއިދާ ޚިލާފު ކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ބ. ކިހާދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ، 2021 ވަނަ އަހަރު 40 މިލިއަން ރުފިޔާއަށް ފެނަކައާ ހަވާލުކުރި އެ މަސައްކަތް ހުއްޓުނީ އެންމެ 16 އިންސައްތަ ނިމިފައި ވަނިކޮށް ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ނުގެންދެވުނީ، ފެނަކައަށް ލިބުނު އަގަށްވުރެ ބޮޑު އަގުގައި އެހެން ބަޔަކާ މަސައްކަތް ހަވާލުކޮށްފައި އޮތުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު އެ މަޝްރޫއު ފެނަކަ އަތުން އަތުލައި، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު އަމާޒަކީ 2027 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލުމެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، މި ދައުރުގެ ތެރޭގައި ހުރިހާ ރަށަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ