މިއަހަރުގެ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް މާލެއާއި، ސިނަމާލެ ބްރިޖް އަދި ހައިވޭ ހިމެނޭ ސަރަހައްދުގައި ޖުމްލަ 1،355 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގައި ހިނގި އެކްސިޑެންޓްތަކުގެ ބޮޑު ބައެއް ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. އެގޮތުން 83.25 އިންސައްތަ ނުވަތަ 1،128 އެކްސިޑެންޓް މާލޭގައި ހިނގާފައިވާއިރު، ބްރިޖާއި ހައިވޭ ސަރަހައްދުގައި ހިނގާފައިވަނީ 227 އެކްސިޑެންޓެވެ. މީގެ އިތުރުން، އެކްސިޑެންޓްތަކުގެ ތިންބައިކުޅަ ދެބައި ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. އެއީ ޖުމްލަ 901 އެކްސިޑެންޓެވެ. ރޭގަނޑުގެ ވަގުތުތަކުގައި ހިނގާފައިވަނީ 454 އެކްސިޑެންޓް ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.
މަސްތަކަށް ބަލާއިރު، އެންމެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ ޖަނަވަރީ މަހުގައެވެ. އެ މަހު 253 ހާދިސާ ހިނގާފައިވެއެވެ. އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ 191 ހާދިސާއާއެކު ފެބްރުއަރީ މަހުގައެވެ. މާރިޗު މަހު އެކްސިޑެންޓްތަކުގެ އަދަދު 236 އަށް އެރިއިރު، އެޕްރީލް މަހު 232 އަދި މޭ މަހު 238 އެކްސިޑެންޓް ވަނީ ރެކޯޑުކުރެވިފައެވެ. ޖޫން މަސް ނިމުނުއިރު އެކްސިޑެންޓްތަކުގެ އަދަދު ވަނީ ޖަނަވަރީ މަހާ އަޅާބަލާއިރު 18.97 އިންސައްތަ ދަށްވެފައެވެ.
މި ހާދިސާތަކުގައި ލިބުނު ގެއްލުންތަކަށް ބަލާއިރު، 1،322 މައްސަލައެއްގައި ކުދި އަނިޔާ ލިބިފައިވާއިރު، 31 މައްސަލައެއްގައި ސީރިއަސް އަނިޔާ ލިބިފައިވެއެވެ. އަދި މި މުއްދަތުގައި ހިނގި އެކްސިޑެންޓްތަކުގައި ދެ މީހަކު ވަނީ ފުރާނަ ގެއްލިފައެވެ. އުޅަނދުތަކަށް ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި އިންޝުއަރެންސް މެދުވެރިކޮށް 3,284,622 ރުފިޔާ ނަގައިދީފައިވާ ކަމަށްވެސް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 547,437 ރުފިޔާއެވެ.