ތަކެތީގެ އަގު އުފުލޭތީ "ދަތިވެއްޖެ" ނަމުގައި މުޒާހަރާ ކުރަން އެމްޑީޕީން ނިންމައިފި

ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި މީގެ ކުރިން ބޭއްވި އިހުތިޖާޖެއްގެ ތެރެއިން. ފޮޓޯ: ސަން
ކުރީގެ ރައީސް ނަޝީދު އިސްވެ ހުންނަވައި މީގެ ކުރިން ބޭއްވި އިހުތިޖާޖެއްގެ ތެރެއިން. ފޮޓޯ: ސަން

ރާއްޖޭގެ ބާޒާރުގައި އަސާސީ ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބޮޑު މުޒާހަރާއެއް ބޭއްވުމަށް ނިންމައިފިއެވެ. "ދަތިވެއްޖެ" މި ނަމުގައި ބާއްވާ މި މުޒާހަރާ އޮންނާނީ މި މަހުގެ 12 ވާ ބުދަ ދުވަހުގެ ހަވީރު 16:30 ގައި މާލޭގެ ސޯޝަލް ސެންޓަރު ސަރަހައްދުގައެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އޮތް ގޮތުން ރައްޔިތުންނަށް އާންމު ދިރިއުޅުމުގައި ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ. މި މުޒާހަރާ އިއުލާން ކުރައްވަމުން ނަޝީދު ވަނީ ބާޒާރުގައި މިހާރު ތަކެތީގެ އަގުތައް ހުރި މިންވަރު އަންގައިދޭ ލިސްޓެއް ވެސް އާންމުކުރައްވާފައެވެ.

ނަޝީދު ތުހުމަތު ކުރެއްވި ގޮތުގައި، ރާއްޖޭން ޑޮލަރު ހުސްވެ، އަސާސީ ތަކެތީގެ އަގު އުފުލެން ދިމާވީ ސަރުކާރަށް ބޭރުގެ ހިލޭ އެހީ އާއި ލޯނު ހޯދުމުގައި ނާކާމިޔާބުވުމުންނެވެ. އަދި ދައުލަތުގެ ރިޒާވްގައި ހުރި ފައިސާ ދަރަނި ދެއްކުމަށް ބޭނުންކުރަމުންދާ ކަމަށާއި، މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރު ދަރަނި އަނބުރާ ދެއްކުމަށް ސަރުކާރުން ހޭދަކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ މައި ވިޔަފާރި ބަނދަރަށް ގެންނަ މުދާ ނުބޭލިގެން ކޮންޓެއިނަރުތައް އަވަށްޓެރި ގައުމުތަކަށް ގެންދަން ޖެހުމުގެ ސަބަބުން، މުދަލުގެ އަގު އިތުރަށް އުފުލެމުންދާ ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ. އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) ގެ ރިޕޯޓުތަކާ ހަވާލާދީ ނަޝީދު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދީ ކުރިއެރުން މި އަހަރު 1.0 އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެމްޑީޕީން ބުނި ގޮތުގައި، ތަކެތީގެ އަގު އުފުލެމުންދާއިރު އާންމު ފަރުދުންގެ އާމްދަނީއަށް އެއްވެސް ބަދަލެއް ނާންނާތީ، ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމަކީ މި ވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ