އަމީނީ މަގުން ފެންނަނީ ކުރީ ސަރުކާރުގެ ފެންވަރު: ވަޒީރު

ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މަޖިލީހުގައި ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ؛ މަޖިލިސް އިދާރާ
ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މަޖިލީހުގައި ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ؛ މަޖިލިސް އިދާރާ

މާލޭގެ އަމީނީ މަގު ތަރައްގީކުރުމުގައި ކުރީގެ ސަރުކާރުން ކޮށްފައިވާ މަސައްކަތުގެ ފެންވަރު ދަށްކަމަށް ވިދާޅުވެ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ފާޑުވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު ދައްކުވައިދޭ މިސާލެއް ކަމަށެވެ. ނަމަވެސް މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ފެންވަރު ބަލަން ބޭނުންނަމަ، މާލޭގެ ބޭރު މަގަށް ބަލާލުމުން އެކަން ސާފުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބޭރު މަގަކީ އެމްޓީސީސީން ފެންވަރު ރަނގަޅުކޮށް ހަދާފައިވާ މަގެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަމީނީ މަގު ހެދުމަށް ކުރީ ސަރުކާރުން 84 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ނަމަވެސް، އެ މަސައްކަތް ކޮށްފައިވަނީ އެކަށީގެންވާ ތަޖުރިބާއެއް ނެތި، އިންޑިއާއިން ގެނައި "މެނުއަލް މެޝިނެއް" ބޭނުންކޮށްގެން ކަމަށް ވަޒީރު ތުހުމަތު ކުރެއްވިއެވެ. އަދި އެ މަގުގެ ތާރުގަނޑު އުފުލި، ހަލާކުވަމުންދާ މައްސަލަ ހައްލުކުރުމަށް މިހާރު އެމްޓީސީސީއާ ހަވާލުކޮށްގެން މަރާމާތުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އަމީނީ މަގުގެ މަސައްކަތް އަވަހަށް ނިންމާލަން މި ސަރުކާރުން ފުރުސަތު ދިނީ، އެ މަގު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ އުނދަގޫތަކަށް ހައްލެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މި ސަރުކާރުން ހިންގާ އުމްރާނީ މަޝްރޫއުތަކުގައި ފެންވަރު ހިފަހައްޓާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ