ރާއްޖޭގެ ކަނޑުތަކުގެ މާހައުލާއި ދިރުންތަކާ ގުޅޭގޮތުން ހަދާފައިވާ ސައިންޓިފިކް ދިރާސާތައް ހިއްސާކުރުމަށް ބާއްވާ "މޯލްޑިވްސް މެރިން ސައިންސް ސިމްޕޯޒިއަމް" ގެ ހަވަނަ ބައްދަލުވުން މާދަމާ ފެށުމަށް ހަމަޖެހިއްޖެއެވެ. މި ސިމްޕޯޒިއަމް ކުރިއަށްދާނީ މާދަމާއިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ސެންޓްރަލް އޮޑިޓޯރިއަމްގައެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން އިންތިޒާމުކުރާ މި ބައްދަލުވުމަކީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި) އާއި ގައުމީ ޔުނިވަރސިޓީ ގުޅިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ ހަރަކާތެކެވެ. 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ސިމްޕޯޒިއަމްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާއި މާހައުލުތަކާ ގުޅޭގޮތުން ކުރެވޭ ދިރާސާތައް އެއްތަނަކުން ހިއްސާކޮށް، މައުލޫމާތު ބަދަލުކުރުމުގެ ފުރުސަތު ދިރާސާވެރިންނަށް ފަހިކޮށްދިނުމެވެ.
މިއަހަރުގެ ސިމްޕޯޒިއަމްގައި ޖުމްލަ 47 ދިރާސާއެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އަނގަބަހުން ހުށަހަޅާ 32 ޕްރެޒެންޓޭޝަނަކާއި، ޕޯސްޓަރުގެ ޒަރީއާއިން ހުށަހަޅާ 15 ދިރާސާއެއް ހިމެނެއެވެ. މި ދިރާސާތައް ބިނާވެފައިވަނީ މުރަކައިގެ ފަރުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، މަސްވެރިކަމާއި، ކަނޑުގެ ދިރުންތަކުގެ އިތުރުން އައްސޭރިފަށުގެ މާހައުލުތަކުގެ މައްޗަށެވެ.
މި ސިމްޕޯޒިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި ކަނޑުގެ ދިރާސާތައް ކުރާ އެކި ޖަމިއްޔާތަކާއި ޔުނިވަރސިޓީތަކުން ބައިވެރިވެ، އެ ފަރާތްތަކުގެ ހޯދުންތައް ހުށަހަޅާނެއެވެ.