މާލޭގެ އަމީނީމަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ މަގު މަރާމާތުކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެ ކުންފުނިން ބުނި ގޮތުގައި، މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ފަންނީ ސަރވޭތައް މިހާރު ވަނީ ނިންމާލާފައެވެ. މިހާރު ކުރިއަށްދަނީ ފުރަތަމަ ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގަނޑު ނެގުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން މަގު މަރާމާތުކުރުމުގެ އިތުރުން، ބަސް ހުއްޓިތައް ހިމެނޭ ސަރަހައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ޒަމާނީ ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ނިންމާފައެވެ.
އަމީނީމަގުގެ ހުޅަނގު ފަރާތުގެ ބޮޑު ސަރަހައްދަކަށް ގެއްލުން ލިބިފައިވާއިރު، ފަންނީ ބޭފުޅުން ފާހަގަކުރައްވާ ގޮތުގައި މަގު އަވަހަށް ހަލާކުވާން ދިމާވީ ކުރިން ތާރު އެޅުމަށްފަހު، ތާރުގަނޑު އެކަށީގެންވާ ވަރަށް ނުހިކެނީސް އުޅަނދުތަކަށް ހުޅުވާލުމުންނެވެ. ވަކިން ހާއްސަކޮށް އެއީ ބަރު ބަސްތައް ދަތުރުކުރާ ސަރަހައްދަކަށް ވުމަކީ ވެސް މަގު ހަލާކުވުމަށް މެދުވެރިވި ސަބަބެއް ކަމަށް ބެލެވެއެވެ. މިދިޔަ ސަރުކާރުން 84.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ މަސައްކަތް މުޅިން ނިންމާލާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ.
މަރާމާތުގެ މަސައްކަތަށްޓަކައި މިހާރު ވަނީ ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ އިއްޒުއްދީން މަގުން ފެށިގެން، ދަރުމަވަންތަ ހޮސްޕިޓަލް ކައިރީގައިވާ ޕާކާ ހަމައަށް އަމީނީމަގު ބަންދުކޮށްފައެވެ. މަގު ބަންދުކުރުމާ ގުޅިގެން އާރްޓީއެލް ބަހުގެ ހިދުމަތަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އަމީނީމަގު ރޫޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، ބައެއް އެހެން ރޫޓުތަކުގެ ބަސްތައް މަޑުކުރާ ބަސް ހުއްޓިތަކަށް ވެސް ވަނީ ބަދަލު ގެނެސްފައެވެ.