އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް ފާތިމަތު ދިޔާނާ ސައީދު އައްޔަންކުރައްވައިފި

އީޔޫ އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައެޅި ސަފީރު ދިޔާނާ ސަފީރު ކަމަށް އައްޔަނުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް
އީޔޫ އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައެޅި ސަފީރު ދިޔާނާ ސަފީރު ކަމަށް އައްޔަނުކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމުގެ މަގާމަށް އަލްއުސްތާޛާ ފާތިމަތު ދިޔާނާ ސައީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ. މި މަގާމަށް ދިޔާނާ އައްޔަންކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ދިޔާނާ މި މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. ރައީސުލްޖުމްހޫރިއްޔާ ދިޔާނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މި ނަންފުޅު ދިރާސާކުރުމަށްފަހު، އޭނާއަކީ އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅެއް ކަމަށް ނިންމައި މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހަޅާފައިވެއެވެ.

ސަފީރުކަމުގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން ދިޔާނާ ހުންނެވީ މިދިޔަ އޭޕްރިލް މަހުން ފެށިގެން އެމްބެސެޑާ އެޓް ލާޖްގެ މަގާމުގައެވެ. މީގެ އިތުރުން އޭނާއަކީ ދައުލަތުގެ މަތީ މަގާމުތަކެއް ކުރިންވެސް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވިއިރު، ރައީސް ޑރ. މުޙައްމަދު ވަހީދުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަންވެސް ކުރައްވާފައިވެއެވެ.

ދިޔާނާ ސައީދަކީ ރާއްޖޭގެ ސިޔާސީ އަދި ގާނޫނީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އޭނާ ވަނީ ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް މީގެ ކުރިން ފުރުއްވާފައެވެ. އީޔޫ އާއި ބެލްޖިއަމްގެ ސަފީރުކަމަށް އޭނާ އައްޔަންކުރެއްވުމަކީ ރާއްޖޭގެ ޚާރިޖީ ގުޅުންތައް ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމެވި ނިންމެވުމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ