ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި، 2022 އަދި 2023 ވަނަ އަހަރުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންނަށް ގަވާއިދާ ހިލާފަށް ދީފައިވާ ޕްރޮމޯޝަންތަކުގެ މައްސަލަ ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި މައްސަލަ ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް ފާސްކުރީ، ފެނަކައިގެ މުވައްޒަފުން ރެކްރޫޓް ކުރުމާއި، ޕްރޮމޯޝަން ދިނުމުގެ އިތުރުން މުސާރައާއި އިނާޔަތްތަކާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ހާއްސަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބިނާކޮށެވެ. މި ރިޕޯޓު މަޖިލީހުން ފާސްކުރީ 56 މެމްބަރުންގެ ތާއީދާއެކުގައެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2021 އިން 2024 އަށް ފެނަކައިގެ އޮޕަރޭޝަންތައް ފުޅާވި މިންވަރަށްވުރެ މާ ބޮޑަށް މުވައްޒަފުންގެ އަދަދު ވަނީ އިތުރުވެފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި 3,523 މުވައްޒަފުން ތިބި ނަމަވެސް، 2021 އިން 2024 އާ ދެމެދު ޖުމުލަ 7,228 މުވައްޒަފުން އަލަށް ވަޒީފާތަކަށް ވައްދާފައިވާކަން ރިޕޯޓުން އެނގެއެވެ. މީގެ ތެރެއިން 4,557 މުވައްޒަފުންނަކީ ދާއިމީ ވަޒީފާތަކަށް ނެގި މީހުންނެވެ.
މީގެ އިތުރުން، ކުންފުންޏަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް މުސާރައާއި އިނާޔަތްތަކަށް ހޭދަކުރަން ޖެހިފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން 2020 ވަނަ އަހަރު އާމްދަނީގެ 23 އިންސައްތަ މުސާރައަށް ހޭދަކުރިއިރު، 2023 ވަނަ އަހަރު އެ އަދަދު ވަނީ 39 އިންސައްތައަށް އުފުލިފައެވެ. އަދި ރަށްރަށުގައި ހިދުމަތް ދިނުމަށް ތިބޭ މުވައްޒަފުންގެ އަދަދު ސްޓެލްކޯއާ އަޅާބަލާއިރު ފެނަކައިގައި އެވްރެޖްކޮށް ހަތަރު މުވައްޒަފުން އިތުރުކަން ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ އުސޫލުން ބޭރުން ޕްރޮމޯޝަން ދިނުމުގައި ޒިންމާވާ ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށެވެ. އޭރު އިސްކޮށް އުޅުނު މުވައްޒަފުން މިހާރު ވަޒީފާގައި ނެތް ނަމަވެސް، އެ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އިން-ހައުސް ޕްރޮޖެކްޓްތަކުގައި އުޅުނު ބައެއް މުވައްޒަފުންނަށް އިތުރަށް ދީފައިވާ 229,711 ރުފިޔާ އަނބުރާ ހޯދުމަށް ވެސް ވަނީ އަންގާފައެވެ.
ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން، އާންމުކޮށް އިއުލާން ކުރުމަކާ ނުލައި ވަޒީފާއަށް މީހުން ނުނެގޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރުމަށާއި، ކުންފުނީގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ތިރިކުރުމަށް (ރައިޓްސައިޒް ކުރުމަށް) ވެސް މަޖިލީހުން ވަނީ ލަފާދީފައެވެ. މި ކަންކަން ތަންފީޒުކުރާ މިންވަރު ބެލުމަށް ކޮންމެ މަހަކު އެއްފަހަރު މަޖިލީހަށް ރިޕޯޓު ހުށަހަޅަން ޖެހޭނެއެވެ.