އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، އިދިކޮޅު އެމްޑީޕީން ތަކެތީގެ އަގުތަކާ ގުޅޭގޮތުން ފަތުރަމުންދާ މައުލޫމާތުތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ވަޒީރު މިފަދައިން ރައްދު ދެއްވީ، ތަކެތީގެ އަގު ބޮޑުވަމުންދާ ކަމަށް ބުނެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު މުޒާހަރާ ކުރުމަށް އެމްޑީޕީން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯއެއްގައި ވަޒީރު ސައީދު ވިދާޅުވީ، އެމްޑީޕީން މަސައްކަތް ކުރަނީ ގައުމުގެ ހަމަޖެހުން ނަގާލައި ސިޔާސީ މަންފާއެއް ހޯދުމަށް ކަމަށެވެ. ހާއްސަކޮށް ތެލުގެ އަގާ ގުޅޭގޮތުން އެ ޕާޓީން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވީ ނަމަވެސް، ރާއްޖޭގައި ތެލުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަޒީރު ވަނީ އެހެން ގައުމުތަކާއި ރާއްޖޭގެ ތެލުގެ އަގުތަކުގެ ތަފާތުތައް ހިއްސާކުރައްވާފައެވެ. އެގޮތުން ސިންގަޕޫރުގައި ޕެޓްރޯލް ލިޓަރެއްގެ އަގު 40.09 ރުފިޔާގައި ހުރިއިރު، ރާއްޖޭގައި އެ އަދަދު ހުރީ 16.01 ރުފިޔާގައި ކަމަށް ވިދާޅުވިއެވެ. އަދި އިންޑިއާ އާއި ދުބާއީގެ އަގުތަކަށް ވުރެ ވެސް ރާއްޖޭގެ އަގުތައް އެކަށީގެންވާ މިންވަރެއްގައި ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެމްޑީޕީގެ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން އިގުތިސާދަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަތުމަށް މި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. އެމްޑީޕީން އާންމުކުރި "ދޮގު ލިސްޓު" ގައި ހިމެނޭ ކިރާއި، މަހުގެ ބާވަތްތަކުގެ އަގުތަކަކީ ވެސް އޮޅުވާލުމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ބަންކަރިންގެ ހިދުމަތާއި، ރެސިޑެންސީ ވިސާ ފަދަ ތަރައްގީގެ މަޝްރޫއުތަކަށް އެމްޑީޕީން ހުރަސްއަޅަމުންދާ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށްޓަކައި ގައުމަށް ގެއްލުންވާ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ވަޒީރު ވަނީ އެމްޑީޕީގެ އަމަލުތަކަށް ފާޑުވިދާޅުވެފައެވެ.