ތިލަފުށީ ބަނދަރު މަޝްރޫޢާ ގުޅޭގޮތުން ވިޔަފާރިވެރިންގެ ލަފާ އެމްޕީއެލްއިން ހޯދައިފި

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެމްޕީއެލް
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢާ ގުޅޭގޮތުން، އެ މަސައްކަތުގެ އެންމެ މުހިންމު އެއް ހިއްސާދާރުން ކަމަށްވާ ވިޔަފާރިވެރިންނާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަޝްވަރާކޮށްފިއެވެ.

އިއްޔެ މީރުމާ ހޮޓެލްގައި ބޭއްވި މި ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީޤާއި ކުންފުނީގެ އިސް މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ތިލަފުށީ ބަނދަރުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ އެންމެ ފަހުގެ މަޢުލޫމާތު ވިޔަފާރިވެރިންނާ ހިއްސާކުރުމެވެ. މީގެ އިތުރުން، ތިލަފުށީގައި އޮޕަރޭޝަންތައް ފަށާއިރު، ވިޔަފާރިވެރިންނަށް ކަންކަން ލުއިފަސޭހަކޮށް އަދި އަވަސްކޮށް ކުރިއަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން އެ ފަރާތްތަކުގެ ލަފަޔާއި އިރުޝާދު ވަނީ ހޯދާފައެވެ. މި ބައްދަލުވުމުގައި ވިޔަފާރިވެރިން ވަނީ އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާއި، ޚިދުމަތް ރަނގަޅުކުރުމަށް ފެންނަ ގޮތްތައް އެމްޕީއެލްއާ ހިއްސާކޮށްފައެވެ.

އެމްޕީއެލްއިން ބުނި ގޮތުގައި، މިއީ މި މަޝްރޫޢާ ގުޅިގެން ކަމާބެހޭ ފަރާތްތަކާއެކު ބާއްވަމުންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ. މީގެ ކުރިން ސަރުކާރުގެ މިނިސްޓްރީތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، މީޑިއާގެ އިތުރުން މަޖޫރީންނާވެސް ވަނީ މަޝްވަރާކޮށްފައެވެ. ކުރިއަށް އޮތް ތަނުގައިވެސް އެހެނިހެން ދާއިރާތަކުގެ ފަރާތްތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތިލަފުށީގައި ތަރައްޤީކުރާ މި ބަނދަރަކީ މާލޭ ބަނދަރަށްވުރެ 12 ގުނަ ބޮޑު، ޒަމާނީ ވަސީލަތްތަކާއެކު 24 ގަޑިއިރު ޚިދުމަތް ދެވޭނެ "ސްޓޭޓް-އޮފް-ދި-އާޓް" މަލްޓި-ޕާޕަސް ބަނދަރެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޤްތިޞާދީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މި މަޝްރޫޢުގެ ސަބަބުން މާލޭގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ލިބި، ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

މި ބަނދަރުގެ ޚިދުމަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މި ބަދަލާއެކު މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ނިމުމެއް އަންނާނެ ކަމަށް އެމްޕީއެލްއިން އުންމީދު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ