އެމްޓީޑީސީގެ ރިސޯޓުތަކެއްގެ ލީޒް ރައިޓްސް ވިއްކާލަން އުޅޭކަމުގެ ޚަބަރުތައް ދޮގުކޮށްފި

ބ. ކިހަވައް ހުރަަވަޅި. ފޮޓޯ: ކިހަވައް ރިސޯޓު
ބ. ކިހަވައް ހުރަަވަޅި. ފޮޓޯ: ކިހަވައް ރިސޯޓު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބެލުމުގެ ދަށުގައި ހުރި ބައެއް ރިސޯޓުތަކުގެ ހެޑް ލީޒް ރައިޓްސް ނުވަތަ ކުލީގެ ޙައްޤުތައް ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ރަސްމީކޮށް ދޮގުކޮށްފިއެވެ. އެމްޓީޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ އެއްވެސް މުދަލެއް ނުވަތަ ޙައްޤެއް ވިއްކާލުމަށް ބޯޑުން ނިންމާފައި ނުވާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެމްޓީޑީސީން ހާމަކޮށްފައިވާ ގޮތުގައި، ހދ. ނާގޯށި، ގދ. މަގުދުވާ އަދި ބ. ކިހަވައް ހުރަވަޅީގެ ހެޑް ލީޒް ރައިޓްސް އަދިވެސް އޮތީ އެ ކުންފުނީގެ ދަށުގައެވެ. ސަރުކާރުން ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ މި ރަށްތަކުގެ އެއްވެސް ޙައްޤެއް އެހެން ފަރާތަކަށް ބަދަލުކުރުމަށް ނުވަތަ ވިއްކާލުމަށް އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ބައެއް މީޑިއާތަކުގައި މި ރަށްތަކުގެ ލީޒް ރައިޓްސް މާކެޓް އަގަށްވުރެ ކުޑަ އަގަކަށް ވިއްކާލަން އުޅޭ ކަމަށް ފެތުރިފައިވާ ޚަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު މަޢުލޫމާތުތަކެއް ކަމަށް އެމްޓީޑީސީން ސިފަކުރެއެވެ. އަދި މިފަދަ އެއްވެސް މުޢާމަލާތެއްގައި އެ ކުންފުނިން ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ބައިވެރިވެފައި ނުވާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.

އެމްޓީޑީސީން އިތުރަށް ބުނެފައިވަނީ ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، ކޯޕަރޭޓް ގަވަރނަންސްގެ އުސޫލުތަކަށް އެ ކުންފުނިން އަބަދުވެސް އިސްކަންދޭނެ ކަމަށެވެ. އެހެންކަމުން، ކުންފުންޏާ ގުޅޭގޮތުން ފެތުރޭ ހަގީގަތާ ޚިލާފު ޚަބަރުތަކަށް ސަމާލުކަން ނުދިނުމަށާއި، ހަމައެކަނި ރަސްމީ މަސްދަރުތަކުން ނެރޭ މަޢުލޫމާތަށް ބަރޯސާވުމަށް ހިއްސާދާރުންނާއި އާންމުންގެ ކިބައިން އެ ކުންފުނިން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ