އުފެއްދުންތެރިކަމުގެ މައުރަޒުގެ ފަނޑިޔާރުންނަށްވުމުގެ ފުރުސަތު ބީސީސީން ހުޅުވާލައިފި

2025 ވަނަ އަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން، ފޮޓޯ: ރައީސުލްޖުމްހުރިއްޔާގެ އޮފީސް
2025 ވަނަ އަހަރުގެ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުން، ފޮޓޯ: ރައީސުލްޖުމްހުރިއްޔާގެ އޮފީސް

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ގައި ބައިވެރިކުރާ އުފެއްދުންތަކަށް އިންސާފުކޮށްދޭނެ ފަނޑިޔާރުން ހޯދުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިއުލާނުކޮށްފިއެވެ.

މި މައުރަޒަކީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އިސްނެގުމުގެ މަތިން، ދިވެހި އުފެއްދުންތެރިންނަށް ވާދަވެރި މާހައުލެއް ހޯދައިދިނުމަށާއި، އެފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ކުރިއެރުވުމުގެ މަޤްޞަދުގައި ބީސީސީން އިންތިޒާމްކުރާ ހަރަކާތެކެވެ. މިއީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު އެއް މައުރަޒެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 21 އަހަރު ފުރިފައިވާ ދިވެއްސަކަށްވުމާއި، އެ ފަރާތަކުން ފަނޑިޔާރުކަން ކުރަން ހުށަހަޅާ ދާއިރާއަކުން މަދުވެގެން ފަސް އަހަރުގެ އަމަލީ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެއިތުރުން، މައުރަޒުގައި ވާދަކުރާ އެއްވެސް ފަރާތަކާ އާއިލީ ނުވަތަ ވިޔަފާރީގެ މަސްލަހަތެއް އޮތް ފަރާތަކަށް ވެގެންނުވާނެ ކަމަށް ބީސީސީން ބުނެއެވެ.

ބީސީސީން ބުނި ގޮތުގައި ފަނޑިޔާރުން ހޮވުމުގައި އެ ފަރާތްތަކުގެ ތަޢުލީމީ ސަނަދުތަކަށާއި، މަސައްކަތުގެ ތަޖުރިބާގެ އިތުރުން، ދާއިރާއާ ގުޅޭ ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލާނެއެވެ. ފަނޑިޔާރުކަން ކުރުމަށް ހޮވޭ ފަރާތްތަކަށް ބީސީސީން ކަނޑައަޅާ އުސޫލެއްގެ މަތިން ޚާއްޞަ އެލަވަންސެއް ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ 26 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އެވެ. ފަނޑިޔާރުންގެ އޮރިއެންޓޭޝަން އަދި ތަމްރީނުތައް ސެޕްޓެމްބަރު 15 އިން 30 އަށް ކުރިއަށްދާއިރު، އުފެއްދުންތަކަށް އިންސާފުކުރުމުގެ މަސައްކަތް ކުރިއަށްދާނީ އޮކްޓޫބަރު 1 އިން 23 ގެ ނިޔަލަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ