ބަންޑުންޖަހާލި އެލްސީވީން ގެއްލުނު ދެ މީހުން ހޯދަން އާންމުންގެ އެހީއަށް އެދެފި

ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ
ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ. ފޮޓޯ: އެމްއެންޑީއެފް

ކ. ގާފަރު ކައިރިން މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ ބިދޭސީން ހޯދުމުގެ މަސައްކަތުގައި އާންމުންގެ އެހީތެރިކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު އެދިއްޖެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ގެއްލުނު ދެ މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް މިހާތަނަށް ވަނީ ބަލާފައެވެ. މިގޮތުން އެމްއެންޑީއެފް އެއަރ ކޯރއިން 3580 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު، ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓަރ ކްރާފްޓްތަކުން 441 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ.

މީގެ އިތުރުން، ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކޮޅުވެއްޓި ބަންޑުންޖަހާލި ސަރަހައްދުގެ 675,120 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން އެ ދެ މީހުން ފެނިފައެއް ނުވެއެވެ.

މި ހާދިސާ ހިނގި އިރު އެ ކޮޅުވެއްޓީގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ސަލާމަތްކުރެވިފައެވެ. އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރާއި ކައިރި ރަށްރަށުގެ މީހުން، ގެއްލުނު މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ ސަމާލުކަން ދިނުމަށް އެދިފައެވެ.

ގެއްލުނު ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ، ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 އަށް ގުޅައި ހިއްސާކުރުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ